ސިންގަޕޫރުގެ މުސްލިމް އެފެއާޒްއާ ބެހޭ ވަގުތީ ވަޒީރު ފައިސަލް އިބްރާހިމް، އަންހެނަކާ ކުރި މުއާމަލާތްތަކެއްގެ ސަބަބުން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ބޮޑުވަޒީރު ލޯރެންސް ވޮންގް ހާމަކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ބޮޑުވަޒީރު ވޮންގް ވިދާޅުވީ، އެ ދެމީހުންގެ މެދުގައި ގިނަ މުއާމަލާތްތަކެއް ހިނގާފައިވަނީ އޮންލައިން މެސެޖުތަކުގެ ޒަރީއާއިން ކަމަށާއި، މީގެ އިތުރުން ރަސްމީ ބައެއް ހަފުލާތަކުގެ ތެރެއިން ވެސް އެ ދެމީހުން ބައްދަލުވެފައިވާ ކަމަށެވެ. އަދި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުތައް ކޮށްފައިވާތީ، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ސާފު އަދި ނަޒާހަތްތެރި ސިޔާސަތެއް ގެންގުޅޭ ކަމަށް ފަހުރުވެރިވާ "ޕީޕަލްސް އެކްޝަން ޕާޓީ" އަށް ފަހަކަށް އައިސް ވަނީ ސިޔާސީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.

އެގޮތުން 2023 ވަނަ އަހަރު، އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަން އާއި މެލޭޝިއާގެ ބިލިއަނަރެއް ކަމަށްވާ އޮންގް ބެންގް ސެންގްގެ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރެވުނެވެ. އޭގެ އެއް އަހަރު ފަހުން، އޮންގްގެ ވިޔަފާރި މަސްލަހަތުތައް ކުރިއެރުވުމަށް އެހީތެރިވުމުގެ ބަދަލުގައި، 380,000 ސިންގަޕޫރު ޑޮލަރަށްވުރެ އަގުބޮޑު ހަދިޔާތަކެއް (މީގެ ތެރޭގައި ޝޯތަކާއި ފުޓްބޯޅަ މެޗުތަކުގެ ޓިކެޓު ހިމެނޭ) ހޯދި ކަމަށް އިސްވަރަން ވަނީ އިއުތިރާފުވެފަ އެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރު ސިންގަޕޫރުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އިސް ދެ މެންބަރަކު ވެސް ނަހަމަ ގުޅުމެއް ބޭއްވިކަމަށް އިއުތިރާފުވެ އިސްތިއުފާ ދެއްވާފައިވާއިރު، ސަރުކާރުގެ އިމާރާތްތަކެއް ކުއްޔަށް ހިފި މައްސަލައެއްގައި ދެ ވަޒީރަކު ތަހުގީގު ކުރެވި، ފަހުން ވަނީ އެ ބޭފުޅުން ކުށްވެރިނުވާ ކަމަށް ނިންމާފަ އެވެ. މި ހާދިސާތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ލީ ހުސިއެން ލޫންގް ވިދާޅުވެފައިވަނީ، ސިލްސިލާކޮށް ހިނގި މިފަދަ ކަންތައްތަކުގެ ސަބަބުން ޕާޓީގެ އަބުރަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

ފައިސަލްގެ މައްސަލައާ ގުޅޭގޮތުން ބޮޑުވަޒީރު ވޮންގް ވިދާޅުވީ، ދެ ފަރާތުން ވެސް ޖިނާއީ ކުށެއް ކޮށްފައި ނުވާތީ އެއްވެސް ދައުވާއެއް ނުކުރާނެ ކަމަށެވެ. ނަމަވެސް، އެސޯސިއޭޓް ޕްރޮފެސަރު ފައިސަލްގެ އަމަލުތަކަކީ ސިޔާސީ މަގާމެއްގައި ހުރި ބޭފުޅެއްގެ ކިބައިން ފެނިގެންވާނެ ފަދަ މިންގަނޑުތަކަށް ފެތޭ އަމަލުތަކެއްތޯ ސުވާލު އުފެދޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފައިސަލް އަކީ 2006 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އަދި އޭނާ މުސްލިމް އެފެއާޒްއާ ބެހޭ ވަގުތީ ވަޒީރުކަމާ ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރު އެވެ. މިހާރު އޭނާ ވަނީ ވަޒީރުކަމުގެ އިތުރުން ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ.

ބޮޑުވަޒީރުގެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އިސްތިއުފާގެ ސިޓީގައި ފައިސަލް ވިދާޅުވެފައިވަނީ، އެ އަންހެން މީހާއާ ދެމެދު ޖިސްމާނީ އެއްވެސް ގުޅުމެއް ހިނގާފައި ނުވާ ކަމަށާއި، އަދި އެފަދަ ގުޅުމެއް އުފެއްދުމުގެ ނިޔަތެއް ވެސް ނެތް ކަމަށެވެ. އެހެންނަމަވެސް، އެ މުއާމަލާތްތައް ކުރިއަށްގެންދިއުމުގައި އަމަލުކުރެވުނު ގޮތުންނާއި، ކުރިން ބަލަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގައި އޭނާއަށް އޮޅުންތަކެއް އަރައި، ގޯސްތަކެއް ހެދިފައިވާ ކަމަށް އޭނާ އިއުތިރާފުވެވަޑައިގެންފައިވެއެވެ.

ބޮޑުވަޒީރު ވޮންގް ވިދާޅުވީ، މިފަދަ ހާލަތެއްގައި ފައިސަލް ސިޔާސީ ދާއިރާ ދޫކޮށްލަން ޖެހުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.