ބޮލީވުޑްގެ މަގުބޫލު ތަރި ތާބޫއަކީ މިވަގުތު އެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.
އުމުރުން 54 އަހަރު ފުރިފައި ވީނަމަވެސް ތާބޫ މިހާތަނަށް އަލަށް ވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. އޭނާ ވަނީ އޭނާގެ މި ނިންމުމާ ބެހޭގޮތުން އެކި ފަހަރު މަތިން ވާހަކަ ދައްކާފަ އެވެ.
ތާބޫ ބުނީ އޭނާގެ މިނިވަން ކަމާއި ކަންކަން ކުރުމުގައި އޮންނަ އަމިއްލަ އިޚްތިޔާރަށް ވަރަށް ބޮޑަށް ގަދަރު ކުރާ ކަމަށާއި ކައިވެންޏަކަށްޓަކައި އެކަންކަން ގުރުބާން ކުރަން ބޭނުންނުވާ ކަމަށެވެ.
އެއާއެކު ކައިވެނީގެ ޚިޔާލަކީ އޭނާއަށް ވަރަށް ފޫހި ޚިޔާލެއް ކަމަށާއި އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ފުދޭ ކަމަށް ވެސް ތާބޫ ބުންޏެވެ.
މީގެ އިތުރުން ކައިވެންޏެކަށްޓަކައި އޭނާ އެންމެ ލޯބިކުރާ އެކްޓިންއާއި ދަތުރު ފަތުރު ކުރުން ހުއްޓާލުމަކީ އަމިއްލަ ނަފްސަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް ތާބޫ ބުނެފައިވެ އެވެ.
1994 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ތާބޫ ވަނީ ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފަ އެވެ.