ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ރަށް، އާ ރަށަށް މިހާތަނަށް ވަޑައިގަތީ 116 ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެންމެ ގިނައިން އާ ރަށަށް ވަޑައިގަތީ ފުޓުބޯޅަ ކުޅެން ކަމަށެވެ. އެއީ 85 ފަހަރެވެ. ދެން ވަޑައިގަތީ އާއިލާއާއެކު އެވެ. އާއިލާއާ އެކު 31 ފަހަރު ވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ، ފެމިލީ އެކަނި، ކުޅުމަކާ ނުލައި ގޮސްފައި އުޅެވިފައި ހުރީ ވޭތުވެދިޔަ 532 ދުވަހުގެ ތެރެއިން 31 ފަހަރު. އެހެންވީމާ އެ ދެއްކެވޭ ވާހަކަ އެހާ ރަނގަޅެއް ނޫން،" މިއަދުގެ ހެނދުނު 10 އިން ފެށިގެން ރައީސް އޮފީހުގައި ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނާ އެކު އިތުރު ދެ ސެކިއުޓީ ލޯންޗު ވެސް އާ ރަށަށް ދަތުރު ކުރާ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެއްވި ދަތުރުތަކުގެ ތެލަށް 844،635ރ. ހަރަދުވި ކަމަށް ވިދާޅުވި އެވެ.
އާ ރަށަށް ވަޑައިގަންނަވަނީ ރަނގަޅު ސިއްހަތެއްގައި ހުންނަވަން ބޭނުންފުޅުވާތީ ފުޓުބޯޅަ ކުޅުއްވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އާ ރަށުގައި ފަރިއްކުޅުއްވި ތަކެތި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވި އިންވޮއިސްއަކީ އުފައްދާފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.