ހިތަދޫ މެދު ދާއިރާގެ މެންބަރުކަމަށް އަހްމަދު އަޒާން އިންތިހާބު ކުރެއްވީ އެމަނިކުފާނު ރެއާއި ދުވާލު ބުރަ މަސައްކަތްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އަޒާނާ ވާހަކަ ނުދައްކާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އެކަމަކު އެމަނިކުފާނާއި އަޒާނާ މައްސަލައެއް ނުޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑާ އަޒާން އާ ކޮން މައްސަލައެއްތޯ ޖެހޭނީ. އަޅުގަނޑު ރެޔާއި ދުވާލު މަސައްކަތް ކޮށްގެން އައްޑޫއަށް ވެސް ގޮސް އެކި ގޮތް ގޮތުން އެހީތެރިކަން ދީ. އަޅުގަނޑު އެންޑޯސްމަންޓު ދީގެން އަޒާން އެ މަގާމަށް އައީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި އަޒާނާ މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ކުޑަކުރަން ޕީއެންސީން އުޅުނު މައްސަލާގަ އެވެ. އަދި އެ މައްސަލާގައި އަޒާން ވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ މައްސަލަ އެންމެފަހުން ނިމުނީ އަޒާން ވިދާޅުވިގޮތަށެވެ. އެ މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޭނާ ވަނީ ވަކިކޮށްފަ އެވެ.