އޮސްޓްރޭލިއާއަށް ނިސްބަތްވާ އެންޖެލާ މެކްމޭނަސް ބުނާ ގޮތުގައި އޭނާގެ ދަރިފުޅު ހޫނު އެއްޗެއްގައި ހިފުމުން ފިނީގެ އިހުސާސް ކުރެވޭއިރު ފިނި އެއްޗެއްގައި ހިފައިފިނަމަ ކުރެވެނީ ހޫނުގެ އިހުސާސެވެ.

އުމުރުން 22 އަހަރުގެ އައިޑަން މެކްމޭނަސް މި ގޮތް ނޭނގޭ ބަލި ތަހައްމަލު ކުރާތާ ފަސް އަހަރު ވެފައިވާއިރު އެ ބަލީގެ އަސްލު އަދިވެސް ޑޮކްޓަރުންނަށް ހޯދިފައެއް ނުވެ އެވެ.

އައިޑަންއަށް އެންމެ ފުރަތަމަ ފެންނަން ފެށި އަލާމާތަކީ އަތް ފައިން އިހުސާސް ކެނޑުން ކަމަށާއި މަޑުމަޑުން ހޫނު އަދި ފިނީގެ ތަފާތު ނޭނގޭ ވަރަށް އިހުސާސް ކެނޑުނު ކަމަށް އެންޖެލީނާ ބުންޏެވެ.

މި އަލާމާތްތަކާއެކު ޑޮކްޓަރަށް ދެއްކުމުން 20 އަށްވުރެ ގިނަ ލޭގެ ޓެސްޓުތައް ހެދި ކަމަށާއި ފައިގެ ނާރެއް ބުރިކޮށްގެން ބައޮޕްސީއެއް ހެދި ކަމަށް ވެސް އޭނާ ހާމަކުރި އެވެ.

މި ތަހުލީލުތަކާއެކު ވެސް ބަލީގެ އަސްލު ހޯދިފައިނުވާއިރު އައިޑަންގެ މި ބަލި ވެފައިވަނީ ސިއްހީ މާހިރުންނަށް އޮތް ބޮޑު ސުވާލު މާކަކަށެވެ.

ޑޮކްޓަރުން ލަފާކުރާ ގޮތުގައި އައިޑަންގެ ބައްޔަކީ ނާރުގެ ބައްޔެކެވެ. އެއީ ނާރުތަކުން ސިކުނޑިއަށް ފޮނުވައިދޭން ޖެހޭ މެސެޖުތައް ފޮނުވުމުގައި އުޅޭ "އޮޅުމެއްގެ" ސަބަބުން ވާ ކަމެއް ކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.

އެގޮތުން ސިއްހީ މާހިރުން މި ބައްޔަށް ދީފައިވާ ނަމަކީ އެކްސޮނަލް ޕެރިފެރަލް ނިއުރޯޕަތީ އެވެ. މިއީ ދުނިޔޭގައި ވެސް މަދުން ނުފެންނަ ބައްޔެކެވެ.

އެންޖެލާ ބުނާ ގޮތުގައި މި ބަލީގެ ސަބަބުން އައިޑަންގެ އާއްމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. އެގޮތުން އާއްމުކޮށް މީހުން ކުރާ ކަންކަން ކުރުމުގައި އޭނާއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ.

އެހެން ކަމުން އައިޑަންގެ ކަންކަން ކުރުމުގައި އިތުރު ފަރުވާތެރިކަމެއް ބަހައްޓަން ޖެހޭ ކަމަށާއި ނޫންނަމަ އޭނާގެ ސިއްހަތަށް އެކަމުގެ އަސަރު ކުރާޔ ކަމަށް ވެސް އެންޖެލާ ބުންޏެވެ.