ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރުމުގެ ބަހުސްގެ ތެރެއިން މި މައްސަލަ އުފެދުނެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ މިހާރުގެ ވެރިކަމުގައި ޤާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ކަމަށެވެ.
މެންބަރު ޒިޔާދަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވަނީ، އެފަދައިން، ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާކަމަށް ވިދާޅުވެފަ އެވެ.
"އިއްޒަތްތެރި މެންބަރު. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ކަމަށް ވާހަކައެއް ނެތް ގާނޫނުއަސާސީއަކު އެއް. އަޅުގަނޑު މި ޖެހެނީ ކޮންމެ ފަހަރަކު އެކަންކަން ރަނގަޅު ކޮށްލަދޭން. އެވާހަކަ އެގޮތަށް ލިޔެފަ އެބައޮތްތޯ ގާނޫނުއަސާސީގައި،" މެމްބަރު ދެއްކެވި ވާހަކައާ ގުޅިގެން އޭނާ ސުވާލުކުރެއްވި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިފަދައިން ވިދާޅުވިނަމަވެސް، މެންބަރަކު އެ މެންބަރެއްގެ ޕާޓީން ވަކިވެ ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭކަމަށް ސަރުކާރުން ހުށަހަޅާ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބަދަލުގައި މެންބަރަކު ޕާޓީން ވަކިވެއްޖެނަމަ، ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ގާނޫނުގެ ދަށުން ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަވެސް ގޮނޑި ގެއްލެ އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ބައެއް ތަޅުމުގައި ކިޔުއްވާފަ އެވެ. އޭނާ އަބްދުއްރަހީމް ދޮގު ހެއްދެވި ކަމަށް ތުހުމަތުކުރެއްވި އެވެ.
"އޭގަ އޮންނާނެ. އެ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެކުލަވާލެވޭ ގާނޫނެއްގެ ވާހަކަ. އޮންނާނެ. އޮންނާނެ. އޮންނާނެ،" އަނެއްކާ ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައިތާ ފަސް މަސް ވެގެންދިޔައިރު މިހާތަނަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން އަދި ސަރުކާރުގެ ވެރިން ބުނާ އައު ގާނޫނެއް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅާފައި ނުވެ އެވެ.