ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފަޔާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް ކުރެވޭ ތުހުމަތު ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައެއްނުވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ނިންމުން ދިރާސާކުރުމަށްފަހު ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވަނީ ޖޭއެސްސީގެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ. ނަމަވެސް އެ ލަފަޔަށް ބެލުމެއް ނެތި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.

އެ މައްސަލައަށް ޖަވާބުދާރީވާން ކޮމިޓީއަށް ހާޒިރުވާން އެ ދެ ފަނޑިޔާރުން ފުރުސަތަކަށް އެދިވަޑައިގަތަސް ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ.

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމީ އުސޫލުތަކާ ހިލާފަށްކަން ފާހަގަކޮށް ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.