ހިޔާލީ ތުހުމަތެއް އުފައްދައި ހިންގި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަކީ މުޅި ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށާއި އުއްމީދަކީ ކޯޓު ފުނޑާލުމުގައި ބައިވެރިވި އެންމެންގެ މައްޗަށް އިންސާފު ގާއިމް ކުރެވުން ކަމަށް އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުކަމުން ވަކިކުރެއްވުމުން އަޒްމިރާލްދާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައިރު ގާނޫނީކޮށް އޭނާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކޮށް، ސުޕްރީމް ކޯޓު ހުއްޓުވާލުމުގައި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ވެސް ކޮންމެ ވެސް ދުވަހަކުން ބަލައި އިންސާފު ގާއިމް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫން. ލުއި ގޮތަކަށް އަތުން ފޮޅާލެވޭވަރު ކަމެއް ނޫން. އަޅުގަނޑު އުއްމީދު ކުރަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމު ކުރެވޭނެ ކަމަށް،" އަޒްމިރާލްދާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އޭނާ ވަކި ކުރަން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ވޯޓު ދެއްވީ އޭނާގެ ކުށެއް ނެތް ކަން އެނގި ތިބެ، "އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން" ކަމަށް ވެސް އަޒްމިރާލްދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"އެ ނިންމެވުން ނިންމާފައި ވަނީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓިއަށް ނިސްބަތްވާ މަޖިލީހުގެ ސުޕާމެޖޯރިޓީ މެންބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސް ނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން،" އަޒްމިރާލްދާ ވިދާޅުވި އެވެ.

އޭގެ އިތުރުން އަޒްމިރާލްދާ ވިދާޅުވީ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލާފައި ވަނީ ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ކަމަށެވެ. ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގާ ކަން އޭގެ ސަބަބުން ވެސް ހާމަވާ ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ.

"26 ފެބްރުއަރީ 2025 އިން ފެށިގެން މިއަދާހަމައަށް މިކުރެވުނީ ގޮންޖެހުންތަކާއި ހުރަސްތަކުން ފުރިގެންވާ ދަތުރެއް. ސަބަބަކީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގުން. ގާނޫނުގެ ވެރިކަން ހިނގާ ނަމަ، ގާނޫނުގައި ބަޔާންކުރާ ގޮތަށް އަމަލުކޮށް، އަސާސީ ހައްގުތައް ކަށަވަރުކުރެވި، ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ބަޔަކު އަޅުގަނޑުގެ މައްސަލަ ތަހުގީގު ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި މި ވަނީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދިނުމަށްފަހު، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލް، އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.