ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުމުގެ އާދަކާދައިގެ ދަށުން ސައޫދީ އަރަބިއާއިން މިވަނީ މި އަހަރު ވެސް ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ހިއްލާލާފަ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ އިޝާ ނަމާދަށްފަހު ގެފުޅުގެ އުރަކޮޅު ހިއްލާލާފައިވާއިރު އެއީ ކީއްވެގެން ކުރާ ކަމެއްކަން ގިނަ މުސްލިމުންނަކަށް ނޭނގެ އެވެ.
ކައުބަތުﷲ ގެފުޅުގެ އުރަކޮޅަކީ އާއްމުކޮށް ކަޅު ކުލައިގެ އުރައެއް ނަމަވެސް ކޮންމެ ހައްޖު މޫސުމަކާ ދިމާކޮށް އުރަކޮޅުގެ ތިރިން ވަކި ހިސާބަކަށް ހިއްލާލައި އެ ސަރަހައްދު ހުދު ކުލައިގެ ފޮތިގަނޑަކުން ނިވާކުރެވެ އެވެ.
މިކަމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް މަގްސަދަކީ ހައްޖު މޫސުމުގައި އުރަކޮޅަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމެވެ. އެގޮތުން ތަވާފު ކުރުމުގައި ގިނަ ބަޔަކު ގެފުޅުގެ އުރަކޮޅަށް ދަމައި ވީދާ ހަދާކަން ފާހަގަކުރެވެ އެވެ.
ގެފުޅުގެ އުރަކޮޅު ހިއްލުމަކީ އެ އުރަކޮޅަށް ލިބޭ ގެއްލުންތައް ކުޑަ ކުރަން ކުރަމުން އައި ކަމެއް ނަމަވެސް މިހާރު އެކަމަކީ ހައްޖުގެ އާދަކާދައާ ގުޅިފައިވާ ކަމެކެވެ. އެގޮތުން އެއީ ހައްޖު މޫސުން ކައިރިވެއްޖެކަން އުއްމަތުގެ މުސްލިމުންނަށް އަންގައިދޭ ކަމެއް ވެސްމެ އެވެ.
މިއަހަރުގެ ހައްޖު މޫސުމަށް ސައޫދީ އަރަބިޔާއިން ހަރަމްފުޅުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ވަރަށް އަވަހަށް ހައްޖުވެރިން އެގައުމަށް ދަތުރުކުރަން ފަށާނެ އެވެ.