އުމުރުން 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފްރާންސްގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ އިއްތިފާގުން މި ބިލު ފާސްކުރުމާ އެކު، އެ ގައުމު ވެގެން ގޮސްފައި ވަނީ ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި އީޔޫގެ ފުރަތަމަ ގައުމަށެވެ.
އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮން އިސްނަންގަވައިގެން ހުށަހެޅުއްވި މި ބިލުގެ ދަށުން، އަންނަ ސެޕްޓެމްބަރު މަހު ފަށާ އާ ދިރާސީ އަހަރާއެކު 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އާ އެކައުންޓުތައް ހުޅުވުން މަނާވާނެ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާރު ހުރި އެކައުންޓުތައް ވެސް ބަންދުކުރަންޖެހޭނެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ޓިކްޓޮކާއި، އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ޔޫޓިއުބް ފަދަ މަގުބޫލު މަންސަތައް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރުމަށް (އޭޖް ވެރިފިކޭޝަން) ހާއްސަ ނިޒާމުތަކެއް ގާއިމުކުރުން އެ ކުންފުނިތަކަށް މަޖުބޫރުވާނެ އެވެ. ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ގޯނާތަކުން ކުދިން ސަލާމަތްކުރުމަށް އެކުލަވައިލި މި ބިލުގައި ހައި-ސްކޫލްތަކުގައި މޮބައިލް ފޯނު ބޭނުންކުރުން މަނާކުރުން ވެސް ހިމެނެ އެވެ.
ފްރާންސްގެ އިތުރުން އޮސްޓްރޭލިއާއިން ވެސް ވަނީ މީގެ ކުރިން ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް ފާސްކޮށްފަ އެވެ.
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި
ދިރާގުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި