އޮސްޓްރޭލިއާގައި ދިވެއްސަކު މަގުމަތިވެ، ސަރުކާރުގެ އެހީތެރިކަން ނުލިބި ހާލުގައި ޖެހިއްޖެ އެވެ.
އޮސްޓްރޭލިއާގައި ހުރި ދިވެއްސަކު މަގުމަތިވެ ހާލުގައި ޖެހިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޯސްޓެއްގައި ބުނެފައިވަނީ ފަތުހުﷲ އަބްދުﷲ ކިޔާ ދިވެއްސަކު ވަންނާނެ ގެއެއްނެތި މަގުމަތިވެފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ފައިސާ ހުރިނަމަވެސް އޭނާއަށް އެ ފައިސާ ބޭނުން ކުރުމަށް ބޭންކުން ހުރަސްއަޅާފައިވާ ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައި ވެއެވެ. ބޭންކްގެ ބޭރުފައިސާ ބޭނުންކުރެވޭ ލިމިޓް އިތުރުކޮށްދިނުމަށް އެދި ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އޭގެން އެެއްވެސް ރިކުއެސްޓަކަށް ބޭންކުން ހަބަރެއް ނުވާކަމަށް އޭނާ ބުންޏެވެ.
ކުރިއަށް އޮތީ ފިނިމޫސުން ކަމަށްވާއިރު، އޭނާ ނިދާނެ ގޮތެއް ކާނެ އެއްޗެއް ނެތް ކަމަށް ބުނެފައި ވެއެވެ. އަދި މިއުނދަގޫ ހާލަތުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
މީގެ އިތުރުން ފަތުހުﷲގެ ހާލަތު ބަޔާންކޮށް މިފަދަ މައްސަލަތަކުގައި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭ އޮސްޓްރޭލިއާގެ އިދާރާއަކުން ވަނީ ލިޔުމެއް ވެސް ދީފަ އެވެ. އެލިޔުމުގައި ވާގޮތުން އެފަދަ ތަންތަނުން ހާލުގައި ޖެހިފައި ތިބޭ މީހުނަށް ދޭ އެހީތެރިކަން ގިނަ ބަޔަކަށް ފޯރުކޮށްދޭއިރު، ގިނަ ދުވަސްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި ފަތުހުﷲ އަކީ އޮސްޓްރޭލިޔާގެ ރައްޔިތަކަށް ނުވުމުން މިފަދަ ހިޔާވަހިކަމެއްގައި ވިސާގެ މައްސަލަތަކާ ގުޅިގެން ދިގު މުއްދަތައް ނުބެހެއްޓޭނެ ކަން ފާހަގަކޮށްފައިވެ އެވެ.
މިއާއެކު އެ އިދާރާއިން ވެސް ވަނީ ފަތުހުﷲ އަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ވީއެންމެ އަވަހަށް ހަމަޖައްސައި ދިނުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ގޮވާލައިފަ އެވެ. އަވަސް އެހީތެރިކަަމެއް ނުލިބެއްޖެނަމަ އޭނާއަށް ނުރައްކާ ވުމުގެ ފުރުސަތު އޮތްކަމަށް ވެސް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައިނުވެ އެވެ.