މާބަނޑުވެ ވިހެއުމަށްފަހު ކުރަން ޖެހުނު އިހުސާސްތަކާ ބެހޭގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެނިފާ ލޮރެންސް ވާހަކަ ދައްކައިފި އެވެ.

މިހާރު ކުރިއަށްދާ ކޭންސް ފެސްޓިވަލްގައި ރިލީޒްކުރި ޖެނިފާގެ ފިލްމު "ޑައި، މައި ލަވް"ގެ ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަމުން އޭނާ ވަނީ ވަނީ ބަލިވެ އިނދެ ދަރިއަކު ލިބުމުން ކުރަން ޖެހުނު އިހުސާސްތައް ކިޔައިދީފަ އެވެ.

ޖެނިފާ ބުނީ އޭނާއަށް ދާދިފަހުން އަލަތު ދަރިފުޅު ލިބިފައިވާ ކަމަށާއި ވިހެއުމުގެ ކަންތައްގަނޑަކީ މީހާ އެކަހެރި ކުރުވައި އެކަނިވެރިކަމުގެ އިހުސާސް ކުރުވާ ކަމެއް ކަމަށެވެ.

އޭނާ މި ގޮތަށް ވާހަކަ ދައްކާފައި ވަނީ އޭނާގެ ފިލްމުގެ ވާހަކައާ ވެސް ގުޅުވައިގެންނެވެ. އެ ފިލްމުގައި ދައްކުވައިދެނީ މުޅިން އާ މާހައުލަކަށް ދިރިއުޅުން ބަދަލުކުރާ އަލަތު މައެއްގެ ނަފްސާނީ ސިއްހަތުގެ ދަތުރެވެ.

ފިލްމުގައި އޭނާ ދައްކުވައިދޭ ކެރެކްޓަރަކީ މުޅިން އާ މާހައުލެއްގައި އެއްވެސް އާރެއް ޔާރެއް ނެތި އުޅޭ މީހެއް ކަމަށާއި އެހެން ނަމަވެސް ވިހެއުމާ ގުޅިގެން ކުރިމަތިވާ ޑިޕްރެޝަންއަކީ ވަކި ތަނެއްގައި ހުރުމުން ވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"ޑައި މައި ލަވް"އަކީ 2017 ވަނަ އަހަރު ހަމަ އެ ނަމުގައި ނެރެވުނު ޚިޔާލީ ވާހަކަ ފޮތެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.