ގައިން ތާހިރުވުމަށްޓަކައި ކޮންމެ ދުވަހަކު ފެންވެރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމަށް ސިއްހީ މާހިރުންނާއި ސައިންސްވެރިން ބުނެފި އެވެ.
މިފަހުން ބީބީސީއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ގަވާއިދުން ކޮންމެ ދުވަހަކު ފެންވެރުމަކީ ސިއްހީ ގޮތުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަކީ އިޖުތިމާއީ ސަބަބުތަކަށްޓަކައި މީހުން ކުރާ ކަމެއް ކަމަށެވެ. އެއާއެކު ކޮންމެ ދުވަހަކު ފެންވަރާ ނަމަ ކުރިމަތިވާ ގެއްލުންތަކެއް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެއީ ގައިގެ ހަންގަނޑު ހިކި ސިއްހަތަށް ފައިދާހުރި ޖަރާސީމު ވެސް ފިލާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ކޮންމެ ދުވަހަކު ފެންވެރުމަކީ ދިފާއީ ނިޒާމު ބަލިކަށިވުމަށް މަގުފަހިވާ ކަމެއް ކަމަށް އެ ދިރާސާ ރިޕޯޓުގައި ބުނެފައިވެ އެވެ.
ފަހަކަށް އައިސް ގަވާއިދުން ފެންވަރާ މީހުންގެ އަދަދު މަޑުމަޑުން މަދުވަމުން އަންނަ ނަމަވެސް އަދިވެސް ގިނައީ ކޮންމެ ދުވަހަކު ދެތިން ފަހަރު ފެންވަރާ މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ސައިންސްގެ ހޯދުންތަކަކީ ބައެއް ފަހަރު އަހަރުމެންގެ އިޖުތިމާއީ ހަމަތަކާއި ދީނީ ގަބޫލުކުރުންތަކާ ވެސް ދެކޮޅުވާ ހޯދުންތަކެކެވެ. އެފަދަ ހާލަތްތަކުގައި އެންމެ ރަނގަޅުވާނީ ދީނީ ގޮތުން އެކަން އޮންނަ ގޮތަށް ތަބާވުމެވެ.