ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ.އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމިޓީގައި ވޯޓް ދިން ދެ މެންބަރުންގެ މައްސަލަ ވެސް ބަލަން ފަށައިފި އެވެ.
ޖޭއެސްސީގެ ކޮމިޓީން ނެގި ވޯޓުގައި މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ދަށު ކޯޓުތައް ތަމްސީލްކުރައްވާ މެންބަރު އަދި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހައިކޯޓު ފަނޑިޔާރު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށައި، އެކަމާ ގުޅުން ހުރި މައުލޫމާތު ޖޭއެސްސީގެ ކޮމިޓީން އަންނަނީ ހޯދަމުންނެވެ.
ޖޭއެސްސީގެ ގަވާއިދު އޮންނަ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތައް ހާމަ ނުކުރާއިރު، މައްސަލަ ހާމަކުރެވެނީ ސުލޫކީ މައްސަލައެއް ސާބިތުވެއްޖެނަމަ އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ނިޔާޒް އައްޔަން ކުރައްވާފައިވަނީ 11 މެއި 2022 ގައެވެ. އަދި ސިވިލް ކޯޓު ގާޒީ ފަރުހާދު އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 8 ސެޕްޓެންބަރު 2024 ގައެވެ.
މަހާޒް އާއި އަޒްމިރާލްދާ ވަކިކުރުމުގެ މައްސަލާގައި މި ދެ ބޭފުޅުން ފިޔަވާ ކޮމިޓީގައި ތިއްބަވާ ހުރިހާ މެންބަރުންވެސް ވަނީ އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަތަކެއް ކުއްލިއަކަށް ބަލަން ފެށީ މަޖިލިސް މެންބަރަކު ގޮނޑި ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެހެން ގާނޫނަށް އިސްލާހު ގެނައި މައްސަލަ އެ ކޯޓުން ބަލައިގެންފައިވަނިކޮށެވެ.
މައްސަލަތައް ބަލަން ފަށާފައިވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން މަހާޒް އާއި އަޒްމިރާލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.