ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ޖަނަވާރުތަކުގެ ރައްކާތެރިކަމާ ހިމާޔަތާ ސަލާމަތާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ވާހަކަފުޅެއް ސޯޝަލް މީޑިއާގައި ގަދަޔަށް ވައިގައި ހިފައިފި އެވެ. އެކަމަނާ ވިދާޅުވީ ޖަނަވާރުތަކާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށާއި އެ ތަކެތި މެރުމަކީ ހައްލެއް ނޫން ކަމަށެވެ.
މި ވާހަކަ މި ދެކެވުނީ ދިވެހި ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫންޏެއް ކަމަށްވާ "ދޮންދީނާ" ގެ އާބާދީ ނެތި ހިގައިދާނެކަމުގެ ބިރު އުފެދިފައި ވާތީ އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި އައްޑު އަތޮޅުގެ މެންބަރަކު މިނިސްޓަރަށް އަމާޒު ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ. ދޮންދީނާ އަކީ ހަމައެކަނި އައްޑޫގައި އުޅޭ ދޫންޏެކެވެ. މި ދޫންޏަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ ފަހަކަށް އައިސް އައްޑުއަށް ހިޖުރަކޮށްގެން އުޅޭ ކާޅުތަކެއްގެ އުނދަގުލެވެ. ދޫނިތަކުގެ އާބާދީ އެއްކޮށް ނެތި ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.
އައްޑޫގެ މެންބަރުގެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން ބަލާލަން ބޭނުންވަނީ މި މައްސަލައާ ބެހޭ ގޮތުން ތިމާވެށި ހިމާޔަތްކުރުމާ ބެހޭ އިދާރާ ކަމަށްވާ އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމްގެ ވާހަކަފުޅަށެވެ. ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ކާޅަކީ އައްޑޫގައި ދުވަހަކު ވެސް ނޫޅޭ އެއްޗެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"އެހެންތޯ؟ ތިއީ (އައްޑޫގައި ކާޅު ނޫޅޭކަމީ) އަދި އަޅުގަނޑަށް އެނގިފައި އޮތް ކަމެއް ނޫން،" ޑިރެކްޓަރު ޖެނެރަލް ނައީމާ ހަވާލާދެއްވައި ދުވަހު ނޫހެއްގައި ލިޔެފައި އޮތެވެ.
މި ހިސާބުން ނައީމަށް މަތިކުރަން ބޭނުންވާ ސުވާލަކީ ތި މަގާމަށް ވަޑައިގެންނެވުނީ ކޮން ކަމެއް އެނގިވަޑައިގެންތޯ؟ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ކަންތަކާ މަތިވެފައި އޮތް އިދާރާއެއްގެ ތިޔަ ފަދަ މަގާމެއްގައި ހުންނަވާއިރު ރާއްޖޭގެ މާހައުލާ ބެހޭ އާންމު މައުލޫމާތު އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވަންތޯ އެވެ؟
އަން ޒަމާނުއްސުރެ އައްޑު އަތޮޅުގައި ކާޅު ނޫޅޭކަމާއި އެ އަތޮޅުގައި އުޅެނީ ދޮން ދޫނިކަން ސަރުކާރުގެ ތިމާވެށްޓާ ބެހޭ މިނިސްޓްރީގެ އިސް ވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ އެވެ. ޚާއްސަކޮށް ދޮން ދޫންޏަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ދޫންޏަކަށް ވާއިރު އެ ދޫނީގެ މާހައުލާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވަން ޖެހޭނެ އެވެ. އަމުދުން އެ މައުލޫއާ ބެހޭ ގޮތުން އިންޓަވިއު ދެއްވަން ވަޑައިގެންނެވުމުގެ ކުރިން އެފަދަ މައުލޫމާތު ހޯއްދަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެވަރު ވެސް ނުވާނަމަ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ބުނުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ އެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ ވާހަކާގައި އައްޑޫ މީހުންގެ ވާހަކަ ގަބޫލު ނުކުރައްވާކަން ދެއްކެވުމުގެ ގޮތުން ވިދާޅުވެފައި ވަނީ ފުވައްމުލަކު މީހުން ވެސް އެފަދަ ވާހަކައެއް ދައްކާ ކަމަށާއި މާލޭގައި ވެސް އެމަނިކުފާނު ތުއްޕުޅުއިރު ކާޅު ނުހުންނަ ކަމަށެވެ. އެ ވާހަކަ އިން ވެސް ސާބިތު ވަނީ އެމަނިކުފާނަށް ރާއްޖޭގެ ތިމާވެށްޓާ ބެހޭ މައުލޫމާތު އޮޅުންފިލާވަޑައިގެންފައި ނުވާ މިންވަރެވެ.
ކާޅާ ވާލުގެ ބަހުސް ފުވައްމުލަކާއި އައްޑޫގައި
އައްޑޫގައި ކާޅެއް ނޫޅެ އެވެ. ފުވައްމުލަކުގައި ވާލެއް ނޫޅެ އެވެ. މިއީ މިއަދުގެ ޒުވާނުނަށް އެނގިފައި ނެތް ހަގީގަތަކަށް ވެދާނެ އެވެ. ހާއްސަކޮށް އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ނައީމް ފަދަ މައުލޫމާތު ދަށް ކަންތައް ބަލާ ހޯދައިނޫޅޭ ޒުވާނުންނަށެވެ. ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު ދިވެހި ސަރުކާރުން ނިންމެވީ ފުވައްމުލަކުން ކާޅު ހުސްކޮށްލުމަށެވެ. ރަށުގައި ހެދޭ މޭވާގެ ފުރިހަމަ ފައިދާ ހޯދައި ދިނުމުގެ ބޭނުމުގަ އެވެ. މިކަމަށް ފަންނީ އެހީއާއި ފައިސާ ޚަރަދު ކުރީ ދުނިޔޭގެ ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާ އިންނެވެ. އެ މަސައްކަތް ހިންގެވީ ދިވެހި ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. ނަސީބަކުން އޭރަކު ތިމާވެށްޓާ ބެހޭ މިނިސްޓްރީ އެއް ނެތެވެ. ކާޅުން ފުރި ބާރުވެފައި އޮތް ފުވައްމުލަކުން ކާޅު މަރާ ހުސް ކޮށްލުމަށް ނެގީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހެވެ. ހުރިހާ ކާޅު މަރާލުމަށް ބޭނުންކުރީ ފާޑެއްގެ ވިހަ އެކެވެ. އޭގެ ފަހުން އެ ރަށުގައި ކާޅެއް ނޫޅެ އެވެ. އަނބު ގަސްގަހުގެ އަނބުތައް ދޮންވެ ފައްކާވެގެން ފައިބާ އިރުވެސް އެއަށް ގޯނާ ކުރާނެ އެއްޗެއް ނެތެވެ. ރައްޔިތުންނަށް ނުހަނު ފައިދާވި އެވެ.
ކާޅު ހުސްކޮށްލުމުގެ ވިއްސަކަށް އަހަރު ފަހުން ފެނުނީ ރަށުގެ ބިޔަ، ގަސްތަކުގެ ކުރިޔަށް ވާ ޖައްސާ މަންޒަރެވެ. މަދުމަދުންނެވެ. ބަލަބަލާ ތިއްބާ އެ ވާތައް ގިނަވާން ފެށި އެވެ. މިހާރު ރަށުގައި ވާލާ ހެދި ދަނޑުވެރިންނަށް ވާ އުނދަގުލުގެ ވާހަކަ ޝަކުވާއެއްގެ ގޮތުގައި ވަނީ އަޑު ގަދަވެފަ އެވެ.
ފުވައްމުލަކުން ވާ ފެންނަން ފެށުމުން އޭރުގެ ބައެއް މީހުން ދެއްކި ވާހަކައަކީ މިހާރު އައްޑޫ މީހުން ވެސް އެ ދައްކާ ފަދަ ވާހަކަ އެވެ. އެ މީހުން ވެސް ބުނީ ކޮންމެވެސް ބަޔަކު ވާތަކެއް ގެނެސް ރަށަށް ދޫ ކޮށްލީ ކަމަށެވެ. އެހެން ނަމަވެސް އޭރު ވެސް އެ ވާހަކަ ގަބޫލު ނުކުރާ މީހުން ދެއްކި ވާހަކައެއް އޮތެވެ. ޚާއްސަކޮށް ވަރަށް މުސްކުޅިންނެވެ. އެ މީހުން ބުންޏެވެ. އެންމެ ކުރީ ޒަމާނުގައި ވެސް މަދުމަދުން ވާ އެ ރަށަށް ދެ އެވެ. އެފަދަ ވާލަކަށް ބެހިގެން ރަށަށް އެރިއްޖެ ނަމަ ކާޅުތައް ހަމަލާދީ މަރާލަ އެވެ. އެހެންކަމުން ވާލަށް ރަށުގައި އާލާވެ އެއް ނޫޅެވެ އެވެ. އެގޮތަށް އެހެން އޮތުމަށް ފަހު ބެހިގެން ރަށަށް ހިޖުރަކުރާ ވާލަށް ހަމަލާދޭ ކާޅުތައް މަދުވުމުގެ ސަބަބުން ވާ، އާލާވާ ގޮތްވީ އެވެ.
އައްޑު އަތޮޅަށް ވެސް ވުން ގާތީ އެފަދަ ގޮތެކެވެ. ކުރީ ޒަމާނުގައި އައްޑުއަށް ކާޅެއް އަރައިފިނަމަ ދޮން ދީނިތައް އެ ކާޅެއް މަރައިލަ އެވެ. ބިޔަ ގަސްތައް ކޮށާލުމާއި އެނޫންވެސް ތަފާތު ސަބަބުތަކާ ހުރެ އައްޑޫ އިން ދޮން ދީނިގެ އާބާދީ މަދުވަމުން އައިކަމީ އެނގެން އޮތް ހަގީގަތެކެވެ. މިފަދަ ހާލަތުގައި އައްޑުއަށް ބެހިގެން ހިޖުރަކުރެވޭ ކާޅުތަކަށް އާލާވުމަށް ކުރިއަށް ވުރެ ފަސޭހަ މާހައުލެއް ފަހި ވާނެ އެވެ. އެއީ އެއަތޮޅުގައި ކާޅު އާލާވުމަށް މަގު ފަހިވި ސަބަބު ކަމަށް ވުމީ ގާތް ކަމެކެވެ.
ކޮންމެ ފަދަ ސަބަބަކާ ހެދި ނަމަވެސް ކާޅަކީ އައްޑޫގައި އުޅޭ ދޫންޏެއް ނޫނެވެ. ކާޅު އެ އަތޮޅަށް ހިޖުރަކުރުމަކީ އެ އަތޮޅުގެ ވެށްޓަށް ލިބޭ ބޮޑު ގެއްލުމެކެވެ. އެހެންކަމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ކުރަންޖެހޭ ކަމަކީ ވަގުތު ނަގާނުލައި އެ އަތޮޅުން ކާޅު ނައްތާލުމެވެ. އެހެން ނަމަވެސް ސަރުކާރުގެ މަސްއޫލު ވެރިންނަށް އެވަރު ވިސްނި ވަޑައިގަންނަވާ ކަމަށް ނުވެ އެވެ. އެ ބޭފުޅުންގެ ވިސްނުން ހުރީ ކާޅާއި ވާ ގުނުމަށް ބޭނުންކުރާނެ މެތަޑެއް އީޖާދު ކުރެއްވުމަށް ދިރާސާ ކުރައްވާ ހިސާބުގަ އެވެ. ސަރުކާރަށް ވާނުވާ އެނގޭ ހޭ ސުވާލު ކުރެވެނީ އެ ސަބަބާ ހެދި އެވެ.