ޝާހީ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް ތިންވަނައާ ބައްދަލުކުރެއްވުމަށްފަހު، އެންޑީ ބާންހަމް ރަސްމީކޮށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ މިއަދު ހަވާލުވެވަޑައިގެންފި އެވެ. މިއާއެކު އޭނާ ވެވަޑައިގެންފައިވަނީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ޒައާމަތާ ހަވާލުވެވަޑައިގެންނެވި ހަތްވަނަ ލީޑަރަށެވެ. ބާންހަމް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މިދިޔަ ހަފުތާގައި ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
މިހާތަނަށް ގްރޭޓާ މެންޗެސްޓާގެ މޭޔަރުގެ މަގާމު ފުރުއްވަމުން ގެންދެވި ބާންހަމް މި މަގާމާ ހަވާލުވެވަޑައިގެންނެވީ، މަގާމުން އިސްތިއުފާ ދެއްވި ކިއާ ސްޓާމާގެ ބަދަލުގަ އެވެ.
ހޯމަ ދުވަހުގެ ހެނދުނު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ސްޓާމާ ވިދާޅުވީ، އޭނާގެ ބޮޑުވަޒީރުކަމުގެ ދައުރު ނިންމަވާލައްވައި، ރަސްމީކޮށް މަގާމުން އިސްތިއުފާދެއްވާ ކަމަށެވެ. "އަޅުގަނޑުގެ މަސައްކަތް މިވަނީ ނިމިފައި،" ސްޓާމާ ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސްޓާމާ ވިދާޅުވީ، ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އިނގިރޭސި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވެވަޑައިގަންނަވަނީ ހިތްހަމަޖެހުމާއެކު، ހިނިތުންވުމަކުން ކަމަށާއި، ހާސިލުކުރެވުނު ކަންތައްތަކާމެދު ފަހުރުވެރިވާ ހާލުގައި ކަމަށްވެސް ވިދާޅުވި އެވެ. އާ ބޮޑުވަޒީރު ބާންހަމްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓާމާ ވިދާޅުވީ، އޭނާއަށް ފުރިހަމަ ތާއީދު އޮތް ކަމަށާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސްޓާމާގެ ބަޔާނަށްފަހު، އޭނާ ބަކިންގްހަމް ޕެލަހަށް ވަޑައިގެން ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް އިސްތިއުފާ ހުށަހެޅުއްވި އެވެ. އޭގެ ފަހުން ބާންހަމް ގަނޑުވަރަށް ވަޑައިގަތުމުން، އާ ސަރުކާރެއް އެކުލަވައިލުމަށް ރަސްގެފާނު އޭނާއަށް ދައުވަތު އެރުވި އެވެ.
ބޮޑުވަޒީރުގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި ބާންހަމް ވިދާޅުވީ، އިނގިރޭސިވިލާތަކީ ހަމަޖެހުން ގާއިމުކުރެވޭނެ ގައުމެއްކަން ދައްކުވައިދޭންޖެހޭ ކަމަށެވެ. އޭނާގެ ޒައާމަތަކީ ގައުމަށް އަންނާނެ އާ ބަދަލެއްގެ ފެށުން ކަމުގައި ސިފަކުރައްވައި، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް ސިޔާސީ އަދި އިގްތިސާދީ އާ އޮނިގަނޑެއް އެކުލަވައިލައްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
ބޮޑުވަޒީރުގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި، މަގުމަތިވުން ނުވަތަ ބޯހިޔާވަހިކަމެއް ނެތް މީހުންގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ. އަދި ގައުމުގެ ސިނާޢީ ދާއިރާ އާލާކޮށް، އާންމު ހިދުމަތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއި، ލޯކަލް ކައުންސިލްތަކަށް މިހާރަށްވުރެ ބޮޑެތި ބާރުތައް ދިނުމަށް އޭނާ ގޮވާލެއްވި އެވެ.
ސްޓާމާ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ ޖޫން މަހުގަ އެވެ. އެއީ ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ގަޑުބަޑުވެފައި އޮތް ދަނޑިވަޅެއްގަ އެވެ. 2024 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ލޭބާ ޕާޓީއަށް ތާރީހީ ކާމިޔާބީއެއް ހޯދައިދެއްވި ނަމަވެސް، ކޮންޒަވޭޓިވް ޕާޓީގެ 14 އަހަރުވީ ވެރިކަމަށްފަހު އުންމީދުކުރި ފަދަ އަވަސް ބަދަލުތަކެއް ނުގެނެވޭ ކަމަށް ބުނެ ޕާޓީގެ އެތެރެއިންނާއި ބޭރުން ސްޓާމާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އެންޑީ ބާންހަމްއަކީ ލޭބަރ ޕާޓީގެ ލީޑަރު ހޮވުމަށް ބޭއްވި އިންތިޚާބުގައި ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓެވެ. އޭނާއަށް ޕާލަމެންޓުގެ 403 މެންބަރުންގެ ތެރެއިން 379 މެންބަރުންގެ ތާއީދު ލިބިވަޑައިގަތެވެ.
އުމުރުން 56 އަހަރުގެ ބާންހަމްއަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ބޭފުޅެކެވެ. އޭގެ ފަހުން ލޭބާ ޕާޓީގެ ރިސާޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، 2001 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޕާލަމެންޓަށް އިންތިހާބުވެވަޑައިގަތެވެ. ޓޯނީ ބްލެއާ އަދި ގޯޑަން ބްރައުންގެ ސަރުކާރުތަކުގައި ކެބިނެޓުގެ މުހިންމު މަގާމުތަކެއް އޭނާ ފުރުއްވި އެވެ.
އާޖެންޓީނާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި
ސަބަބެއް ނާންގައި މަޖިލީހުގެ ޖަލްސާ މިއަދު ކެންސަލް!
ސަލްމާންގެ ސިއްހަތާމެދު ކަންބޮޑުވުންތައް ބޮޑު ވެއްޖެ