ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ސަސްޕެންޑް ކުރުމާ ގުޅިގެން އެ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ހިނގައްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޝަނުގެ މުއައްޒަފުން މިގޮތަށް އަމަލުކުރީ މުވައްޒަފުންގެ ކަންބޮޑުވުން ހިމެނޭ ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެން ކޮމިޝަނުން ބަދަލު ހިފުމުގެ ރޫހެއްގައި މަސައްކަތްކޮށްފައި ވާތީ އެވެ.
މުވައްޒަފުން ބުނީ ތަން ހިންގަން ހުރި އެންމެ އިސްވެރިޔާ، ޒީނިއާ ސަސްޕެންޑް ކުރިކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި މިއީ އެއްވެސް އިޖްރާތެއް ފުރިހަމަ ނުކޮށް އިދާރީ އޮނިގަނޑާއި ހިލާފަށް ކުރި ކަމެއް ކަމަށެވެ. މިއީ މުވައްޒަފުންނަށް ބިރު ދައްކަން ކުރި ކަމެއްގެ ގޮތުގައި މުވައްޒަފުން ވަނީ ސިފަކޮށްފަ އެވެ.
ބްރޯޑްކޮމްއިން ޒީނިޔާ ސަސްޕެންޑުކޮށްފައި ވަނީ މިއަދުން ފެށިގެން ފެށިގެން ތިން ދުވަހަށެވެ. އަދި، އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އޭނާއަށް ވަނީ އަންގާފަ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ސަސްޕެންޑުކުރީ ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގެ އިތުރުން ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިހުތިރާމު ކުޑަކުރުމުގެ ސަބަބުންނެވެ.
ޒީނިޔާ ސަސްޕެންޑް ކުރިއިރު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، ހުރަސް އެޅުމާއި ބްރޯޑްކޮމްގެ މުވައްޒަފުންނާ ޒާތީވާ ކަމަށް ބުނެ އެ ކޮމިޝަނުގެ 18 މުއައްޒަފުންގެ ސޮޔާއެކު ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.