ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލާގައި ޝާމިލުވާ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

މި މައްސަލައިގައި މިދިޔަ މަހުގެ 14 ގައި އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް ޕީޖީ އޮފީހުން ބުނީ ޕީޖީ އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހު ހައި ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެ ހަމަލާގައި އޭނާގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދުލި އެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ ހަތް މީހެއްގެ މައްޗަށް ކުރި އެވެ. އެ މީހުންނަކީ:

1) ތ. ގާދިއްފުށި، މުސްތަރީގޭ އުމުރުން 21 އަހަރުގެ ޝަމާލް ހުސައިން

2) އދ. މާމިގިލި، ކެމީހިޔާ، އުމުރުން 23 އަހަރުގެ ޒަޔާން ނަސީރު

3) ތ. ދިޔަމިގިލި، ރުވާ، އުމުރުން 23 އަހަރުގެ އަބާން އަބްދުލް ހަންނާނު

4) ލ. މާމެންދޫ، މުރިނގު، އުމުރުން 22 އަހަރުގެ ރަޖުވާން ލަތީފް

5) ރ. އަލިފުށި، ރިވެލި، އުމުރުން 24 އަހަރުގެ މިދުހަތު އާދަމް

6) ލ. ގަން، ޖަވާހިރުވިލާ، އުމުރުން 22 އަހަރުގެ މުހައްމަދު ޖަޒްލާން

7) މާލޭ ދަފްތަރު ނަންބަރު 2247، އުމުރުން 20 އަހަރުގެ އަހުމަދު މައިސާން ހާޝިމް

މިމީހުންގެ ތަހުގީގު ނިންމައި، ދައުވާކޮށްގެން އެދި ފުލުހުން ޕީޖީއަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓު 18ގަ އެވެ.

ކްރިމިނަލް ކޯޓުން އެމީހުންގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ ކަމަށް ބެއްލެވި ގާޒީ އިބްރާހީމް އިހްސާން ކުރެއްވި ހުކުމުގައިވެ އެވެ.