"ސަރުކާރަށް އިންސާނުންނަށް ވުރެ މުހިންމީ ޖަނަވާރުން"ނެވެ. މިއީ އަޅުގަނޑު ބުނި ވާހަކައެއް ނޫނެވެ. މި އިބާރަތް މި ގޮތަށް ލިޔުނީ ކާޅާ ވާލާ ދޮންދީނާގެ ބަހުސް ގެ މައްޗަށް ލިޔުނު ލިޔުމަކަށް ކޮމެންޓް ކުރި ކިއުންތެރިއެކެވެ. އޭނާ ދެކޭ ގޮތުގައި ދިވެހި ސަރުކާރުން، ރައްޔިތުންނަށް ދޭ ސަމާލުކަމަށް ވުރެ ބޮޑު ސަމާލުކަމެއް ޖަނަވާރުތަކަށް ދެ އެވެ. އެ ވާހަކަ ތަފުސީލުކޮށް ދެމުން އޭނާ އިތުރަށް ބުނީ ސަރުކާރުން ވަގު ބުޅާތަކަށް ގެދޮރު އަޅައި އެ ސޮރުމެނަށް ކާންދީ ބަލަހައްޓަން ސަމާލުކަން ދޭއިރު ދަނޑުވެރިންގެ ލޮލަށް ހަމަނިދި ލިބުމުން މަހުރޫމުކުރާ ޖަނަވާރުތަކުން ސަލާމަތްވާނެ މަގުފަހިކޮށް ދިނުމަށް ދައްކަނީ ބަހަނާ އެވެ.

ސަރުކާރަށް މިހާތަނަށް ބޯ ހިޔާވަހިކަން ކަށަވަރު ކޮށްދެވުނީ ބުޅަލަށް

ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ހޯދުމަށް ލިޔާ މެނިފެސްޓޯގައި އޮންނަ އެންމެ ބޮޑު ވައުދަކީ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދައި ދިނުމުގެ ވައުދެވެ. ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދައި ދިނުމަށް ވަމުން އަންނަ ޒަމާންވީ ވައުދުގެ ހާރަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ބުޅަލަށް ބޯ ހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ވައުދު އިތުރު ކޮށްފަ އެވެ. އެމަނިކުފާނުގެ ވެރިކަން ދެވަނަ އަހަރަކަށް ދެމިގެންދާއިރު ބޯ ހިޔާވަހިކަން ފޯރު ކޮށްދެވުނީ ހަމަ އެކަނި ބުޅަލަށެވެ. ސަރުކާރުން ވަނީ ބުޅާ ދިރިއުޅުމަށް ގެދޮރު އިމާރާތް ކުރުމުގެ އިތުރުން އެތަން ތަން ބަލަހައްޓާނެ މީހުނާއި ބުޅަލުގެ ކެއިން ބުއިމާ ބޭސްފަރުވާގެ ކަންތައް ހަމަޖައްސާފަ އެވެ.

ދޮޅު އަހަރު ދުވަހުގެ ތެރޭގައި ބުޅަލަށް ވީވަރު ވީ ރައްޔިތެއް ނެތެވެ. އެންމެ ރައްޔިތަކަށް ވެސް ރައީސް މުއިއްޒަށް ބޯ ހިޔާވަހިކަން ހޯދައެއް ނުދެވުނެވެ. ސަރުކާރަށް މުހިންމީ ޖަނަވާރު ކަމުގައި ޚިޔާލުފާޅު ކުރި މީހާގެ ޚިޔާލު އެގޮޅިއަށް ފެތެ އެވެ.

ދަނޑުތައް ހަލާކު ކުރިޔަސް ޖަނަވާރު ނުމަރާނެ

މިއަދުގެ ސަރުކާރުގެ ނިންމުމަކީ ރައްޔިތުންނަށް ކިތަންމެ ތަކުލީފެއް އުފުލަން ޖެހުނަސް ޖަނަވާރަށް ހިމާޔަތް ދިނުމެވެ. ބުޅަލަށް ހިމާޔަތް ދޭފަދައިން ވާލާ ކާޅު ވެސް އޭގެ ޒާތުގައި ހިމާޔަތް ކުރުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ދަނޑު ވެރިކަމުން ލިބެންވާ މަންފާ ފުރިހަމަޔަށް ލިބޭގޮތް ނުވެ އެވެ. އެކަމުގެ ޝަކުވާއަށް ސަރުކާރުގެ ރަސްމީ ޖަވާބަކީ ވާލާ ކާޅާއެކު އުޅެން ދަސްކުރަން ޖެހޭނެ ކަމަށެވެ. އެ ވާހަކަ ވިދާޅުވީ ޖަނަވާރުގެ ހިމާޔަތާއި ރައްކާތެރިކަމާ ބެހޭ މިނިސްޓަރު މަރިޔަމް މާރިޔާ އެވެ. އެހެންކަމުން އެ ވާހަކަ ވެސް ޚިޔާލު ފާޅުކުރި މީހާ ފާޅުކުރި ޚިޔާލުގެ ގޮޅިޔަށް ފެތެ އެވެ.

ދަނޑުވެރިކަން ކުރިއެރުވުމާއި ޖަނަވާރު ހިމާޔަތްކުރުމަށް އެއް ވުޒާރާ

ރާއްޖެއަށް ބޭނުންވާ ކާބޯ ތަކެތި ހޯދުމަށް ބޭރު ގައުމުތަކަށް ބަރޯސާވުން ނިމުމަކަށް ގެނައުމަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަސްވަރު ދެއްކެވި އެންމެ މުހިންމު އެއް ވާހަކަފުޅެވެ. އޭރު އިވުނު އަޑުތަކުން ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގެމުން ކުރެހެމުން ދިޔައީ މާލެ ކައިރީގައި ހުރި ފަޅުތައް ހިއްކައިގެން ބިނާކުރާ ރަށްތަކުގައި ފިޔަ އާއި އަލުއްވާއި ތަފާތު ބާވަތްތަކުގެ ގޮވާން ހެދި ފައްކާވަމުންދާ މަންޒަރެވެ. އެކަމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހި ދަނޑު ގޮވާމުގެ އުފެއްދުންތެރިކަމަށް އިންގިލާބެއް ގެންނާނެ ކަމަށް ހީވި އެވެ. އެ އަޑުތައް ގަދަވެފައި ހިނދިގެން ދިޔައީ ޗައިނާއިން ގެނައި ފިޔާކޮޅެއް ގޭގެއަށް ބަހާލުމަށްފަހުގަ އެވެ.

ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއުތަކެއް ހިންގާ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމުގެ ބޮޑު ޒިންމާ މަތިވެފައި އޮތް އެގްރިކަލްޗާ މިނިސްޓްރީ، ރައީސް މުއިއްޒުގެ ވެރިކަމުގައި ވަނީ ދަރަޖަ ދަށްކޮށް ދެބަޔަކަށް ބަހާލައިފަ އެވެ. ދަނޑުވެރިކަން ކުރިއެރުވުމުގެ ޒިންމާ އެކޭ އެއްފަދައިން ޖަނަވާރުތަކަށް އަޅާލާ، އޯގާތެރިކަމާއެކު ބެލެހެއްޓުމަކީ ވެސް އެ މިނިސްޓްރީގެ ވާޖިބެކެވެ. އެފަދަ ހާލަތުގައި ދަނޑުވެރިންގެ އެދުންތަކަށް މިނިސްޓްރީއަށް އެކަށީގަނެވާ ގޮތަކަށް އިޖާބަ ދެވޭނެ ކަމަކަށް ނުފެނެ އެވެ.

އެހެންކަމުން ޚިޔާލު ފާޅުކުރި މީހާގެ ޚިޔާލު މި ގޮޅިއަށް ވެސް ފެތެ އެވެ.

ޚިޔުންތެރިޔާގެ ޚިޔާލުގެ ހަ ފަރާތް

ކާޅާއި ވާލާއި މީދާ ފަދަ ތަކެއްޗަކީ ދަނޑުވެރިންގެ އުފެއްދުންތަކަށް ހުރި ނުރައްކަލެކެވެ. އެ ތަކެތިން ދަނޑުތައް ސަލާމަތްކުރުމަށްޓަކައި ޒަމާނުއްސުރެ ދަނޑުވެރިން ތަފާތު މަސައްކަތް ކުރެ އެވެ. މީދާ މެރުމާއި ކާޅު ފައްސާލުމަށް ތަފާތު އުކުޅު ބޭނުންކުރުމުގެ އިތުރުން މޭވާތައް ހިމާޔަތް ކުރުމަށްޓަކައި ގަހުގައި ދާއެޅުން ފަދަ ކަންތައް ކުރެ އެވެ. މިއަދު ދަނޑުވެރިންގެ އުފެއްދުންތައް އުފައްދަން ޖެހިފައި ވަނީ ކުރިއަށް ވުރެ ފުޅާ ދާއިރާއެއްގަ އެވެ. އެހެންކަމުން ދަނޑުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންތަކަށް ސަރުކާރުގެ އެހީ ބޭނުންވެ އެވެ. އެކަމަށް އެދި ގޮވާލެވޭ ގޮވާލުމަށް ސަރުކާރުން ދޭ ޖަވާބަށް ބަލާއިރު ކިޔުންތެރިޔާ އިޝާރާތް ކުރި ފަދައިން "ސަރުކާރަށް މުހިންމީ އިންސާނުނަށް ވުރެ ޖަނަވާރު" ކަމަށް ގަބޫލުކުރާނެ ޖާގަ އެބަ އޮތެވެ.