ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ފުލުހުންގެ އިދާރާ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ޑެޕިޔުޓީ ކޮމިޝަނަރު އިސްމާއީލް ނަވީންއާއެވެ.