ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން އިއްޔެ ރޭ 25 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މޭ 29 ވަނަ ދުވަހުގެ ރޭ މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. މި އޮޕަރޭޝަންގައި ޖުމްލަ 102 ބިދޭސީން ޗެކްކޮށްފައިވާއިރު، ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނީ މި 25 ބިދޭސީން ހައްޔަރުކޮށްފައިވަނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔުމުގެ ސަބަބުން ކަމަށެވެ. މި ބިދޭސީންނާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ސަރުކާރުން ހައްލު ހޯދަން މަސައްކަތްކުރަމުންދާ މައްސަލައެކެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލޭގައި އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، ގިނަ އަދަދެއްގެ ބިދޭސީން ފިލަންވެގެން އަތޮޅުތެރޭގެ އެކި ރަށްތަކަށް ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ، އިމިގްރޭޝަނުން އަންނަނީ އަތޮޅުތެރޭގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެ އޮޕަރޭޝަންތައް ފެށި ފަހުން މިހާތަނަށް 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.