މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ އޮފީސް ހިންގާ އިމާރާތަށް އެއްވެސް މަހެއްގައި ކުލި ނުދައްކާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ގާނޫނީ ވަކީލް, އަހުމަދު މައުރޫފް ހޯދަން އެދުނު މައުލޫމާތުގެ ޖަވާބުގައި އެސްޓީއޯއިން ބުނީ ޑީބީއެމްގެ އޮފީސް ގާއިމު ކޮށްފައިވާ އެލައިޑް ބިލްޑިންއަށް ޖާގައަށް ދައްކަންޖެހޭ ކުލި މިހާތަނަށް އެއްވެސް މަހެއްގައި ދައްކާފައި ނުވާ ކަމަށެވެ.
ޑީބީއެމްގެ އޮފީސް ހިންގާ ތަނުގެ ކުއްޔަކީ މަހަކު 75،892ރ. އެވެ.
އެއީ ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ. މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބޭންކު ހުޅުވިޔަސް އެ ބޭންކުން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ބޮޑު ތަޅު އަޅުވާފައި ބޭންކު ހުންނަނީ ބަންދުކޮށްފަ އެވެ.
އެ މުއްދަތުން ފެށިގެން މިހާތަނަށް ފަސް ލައްކައެއްހާ ރުފިޔާ އެ ބޭންކުން އެސްޓީއޯއަށް ދައްކަންޖެހި ނުދައްކައި ވެ އެވެ.
އެ ބޭންކަށް އަދި ބޭންކާ ގުޅޭ ކަންކަމަށް ފިނޭންސް މިނިސްޓްރީން ކުރި ހަރަދު ހޯދުމަށް ގާނޫނީ ވަކީލު މައުރޫފް އެދުމުން އެ މިނިސްޓްރީން މިއަދު ދިން ޖަވާބުގައި ވަނީ އެތަނުގެ ހަރަދަށް މިދިޔަ މާޗު 25، ގެ ނިޔަލަށް 6،566،338ރ. 20ލ. ހަރަދުކޮށްފައިވާ ކަމަށެވެ.
ބޭންކުގެ ހިދުމަތް ނުފެށިގެން އުޅެނިކޮށް މިދިޔަ މާޗު 23، ގައި އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ މިހާރު ވަނީ މުސާރަ ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ.
އެ ބޭންކުން ހަރަދުކޮށްފައި ވަނީ ޑީބީއެމްގެ ބްރޭންޑިން އާއި ލައިސެންސް ފީގެ އިތުރުން ބޭންކު ހުޅުވުމަށާއި އޮފީސް އިމާރާތަށާއި މުސާރަ އާއި ދަތުރުފަތުރަށެވެ.