އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުން ދާތީ، މި ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަކި ގައުމެއްގެ ނަން ހާމަނުކޮށް ބުނީ ގައުމުތަކަށް ދަތުރުކުރާއިރު މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށެވެ.
މިއާއެކު ޗިކުންގުންޔާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެ އެވެ.
އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގައި ހަލުވި ކަމާއެކު ޗިކުންގުންޔާ ދަނީ ފެތުރެމުންނެވެ.
ޗިކުންގުންޔާ އެންމެ ބޮޑަށް ފަތުރާ ދެ ވައްތަރުގެ މަދިރި އުޅެ އެވެ. ޑެންގޫ ފަތުރާ އީޑީސް މަދިރި އާއި އޭޝިއަން ޓައިގަ މަދިރި އެވެ.
ޗިކުންގުންޔާ ޖެހުމުން ގަދައަށް ހުން އައިސް، ހުޅުތަކުގައި ރިއްސައި ބައެއް ފަހަރު ހުޅުތައް ދުޅަވެ، ބަލީގެ ވޭން ވަރަށް ގަދަވެ އެވެ. ބައެއް މީހުން އެ އުނދަގޫތައް ގިނަ ދުވަސްތަކަކަށް ތަހައްމަލުކުރަން ޖެހެ އެވެ.