އެމެރިކާއާއެކު އީރާނުން މިހާރު ކުރަމުންދަނީ "ފުލް ސްކޭލް" ފުރިހަމަ ހަނގުރާމައެއް ކަމަށް އެގައުމުގެ ރައީސް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ. ވޮޝިންޓަނުން އީރާނަށް ދެމުންދާ ހަމަލާތައް އިތުރަށް ފުޅާކޮށްފައިވާއިރު، އޭގެ ތެރޭގައި އެގައުމުގެ ނިއުކްލިއާ ޕަވާ ޕްލާންޓެއް ހުންނަ ސިޓީއަކަށް ދިން ހަމަލާތައް ވެސް ހިމެނެއެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ސަރަހައްދީ ފެންވަރުގައި ހަމަލާތައް ދީފަ އެވެ. އެގޮތުން ބަހްރޭން، އުރުދުން އަދި ސީރިޔާގެ އަމާޒުތަކަށް ހަމަލާދީފައިވާނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ އިއުލާނުކޮށްފަ އެވެ. ބަހްރޭނުން ބުނި ގޮތުގައި ތެހެރާނުން ވަނީ އެގައުމުގެ ވައިގެ ދަތުރުފަތުރާ ބެހޭ ނިޒާމުތަކަށް އަމާޒުކޮށްފަ އެވެ.
"ހަގީގަތަކީ މިއަދު އީރާން މިވަނީ ފުރިހަމަ ހަނގުރާމައެއްގެ ތެރޭގައިކަން،" ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވި އެވެ. އަދި އަޅުގަނޑުމެން ހަގީގަތާ ކުރިމަތިލާންޖެހޭ ކަމަށާއި، މި ދެކޮޅުވެރިކަމުގެ ސަބަބުން ނުކުމެދާނެ ގުދުރަތީ ނަތީޖާތައް ގަބޫލުކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވީ، ހޯމަ ދުވަހު އީރާނުގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ދައުލަތުގެ މީޑިއާ އާއި ލޯކަލް އިދާރާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. މި ހަމަލާތައް ދީފައިވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކަށްވުރެ މާ އެތެރޭގެ ސަރަހައްދުތަކަށެވެ.
ޖޫން މަހު ސޮއިކުރި އެއްބަސްވުމަކާ ގުޅިގެން ހަމަލާތައް މެދުކެނޑިފައި އޮތުމަށްފަހު، މެދުއިރުމަތީގެ މި ހަނގުރާމަ އަލުން ފެށިފައިވަނީ ހަފުތާތަކެއްގެ މެދުކެނޑުމަކަށް ފަހުގަ އެވެ. ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުންދާއިރު، ތެލުގެ އަގު ވަނީ ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އެންމެ މަތިވި މިންވަރަށް އުފުލިފަ އެވެ.
އެމެރިކާއާއެކު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވުމާއެކު، ތެހެރާނުން ވަނީ އަލުން އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މީގެ ރައްދުގައި ވޮޝިންޓަނުން ވަނީ އީރާނުގެ ބަނދަރުތައް އަލުން ބްލޮކޭޑްކޮށް ހިސާރުކޮށްފަ އެވެ.
ހޯމަ ދުވަހު ހަމަލާ އަމާޒުވި އީރާނުގެ ހުރިހާ ޕްރޮވިންސްތަކަކީ ވެސް އަސްކަރީ މަރުކަޒުތަކާއި ވައިގެ ދިފާއީ ނިޒާމުތައް ގާއިމުކޮށްފައިވާ ސަރަހައްދުތަކެވެ.
އީރާނުގެ ހަމައެކަނި މަދަނީ ނިއުކްލިއާ ޕަވާ ޕްލާންޓް ހުންނަ ބޫޝެހްރުގެ ގަވަރުނަރު މުހައްމަދު މުޒައްފަރީ، ދައުލަތުގެ ނިއުސް އެޖެންސީ "އިރްނާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީގެ ކުޑަވަގުތުކޮޅެއް ކުރިން ބޫޝެހްރު ސިޓީގެ އެކި ސަރަހައްދުތަކަށް އެމެރިކާގެ ދުޝްމަނުންގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ.
އަދި އުތުރުގެ އީސްޓް އަޒަރުބައިޖާން ޕްރޮވިންސްގެ ލޯކަލް ކްރައިސިސް މެނޭޖްމަންޓް ޔުނިޓްގެ ވެރިޔާ މަޖީދު ފަރްޝީ ވިދާޅުވި ގޮތުގައި، އެ ސަރަހައްދަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
މި ހަމަލާތައް ހިނގަމުންދިޔަ ނަމަވެސް، މެދުވެރިން މެދުވެރިކޮށް އެމެރިކާއާއެކު ހާރިޖީ މުއާމަލާތްތައް ކުރިއަށްދާ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި އެވެ. ތެހެރާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ބައެއް މެދުވެރިންގެ ފަރާތުން ހުށަހެޅުންތަކެއް ލިބެމުންދާ ކަމަށެވެ.
ވޯލްޑް ކަޕްގެ ރަންބޫޓު ދެ ފަހަރު ހޯދި ކުޅުންތެރިޔަކަށް އެމްބާޕޭ
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!
ތިލަފުށީ ޕޯޓުގެ ކީ- ވޯލް ހެދުން ޗައިނާ ކުންފުންޏަކަށް