13 އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ޓީވީ އެކްޓަރު ހީނާ ޚާންއާއި އޭނާގެ ބައިވެރިޔާ ރޮކީ ޖެއިސްވާލް ކައިވެނި ކޮށްފި އެވެ.

އެ ދެމީހުންގެ ކައިވެނީގެ ހަބަރު ހީނާގެ އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކޮށްފައިވާއިރު އޭނާ ވަނީ އެ ޕޯސްޓުގައި ކައިވެނީގެ ފޮޓޯތައް ވެސް ހިމަނާފަ އެވެ.

އެ ޕޯސްޓުގައި ހީނާ ބުނެފައިވަނީ އެ ދެމީހުންނަކީ މުޅިން ތަފާތު ދެ ދުނިޔެއަކުން އައި ދެމީހުން ކަމަށާއި އެހެން ނަމަވެސް މިއަދު އެ ދުނިޔެ އެއްވެފައިވާ ކަމަށެވެ.

ހީނާއަކީ މުސްލިމަކަށްވާއިރު ރޮކީއަކީ ހިންދޫ އެކެވެ. އެހެން ކަމުން އެ މީހުން ގަސްދުކުރީ ކޯޓު މެދުވެރިކޮށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދާށެވެ.

ހީނާއާއި ރޮކީ ފާހަގަވެފައިވަނީ ދިރިއުޅުމުގެ އުނދަގޫ އިމްތިހާނުތަކުގައި ވެސް ދެގޮތެއްނުވެ އެކުގައި ތިބި ދެމީހުންގެ ގޮތުގަ އެވެ.

އެގޮތުން ހީނާ ޚާންއަކީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ފަރާތަކަށްވާއިރު ރޮކީ އޭނާގެ ކަންކަމުގައި އުޅޭ މަންޒަރު މީޑިއާއަށް އާއްމުވެފައިވެ އެވެ.

ދިވެހިންގެ ތެރޭގައި ހީނާ މަޝްހޫރު ވެފައިވަނީ ސްޓާ ޕްލަސްއިން ދައްކާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގެ ފުރަތަމަ ސީޒަންގައި އޭނާ ކުޅެދިން "އަކްޝަރާ"ގެ ރޯލުންނެވެ.