ބޮލީވުޑްގެ މަޝްހޫރު ތަރި ކަރިސްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ، އިންޑިއާގެ ކާމިޔާބު ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަންޖޭ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕޯލޯ ކުޅެމުން ދަނިކޮށް ކުޅަނދުރެއް ހެފުމުގެ ސަބަބުން ޖެހުނު ހާޓްއެޓޭކްއަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ސަންޖޭ މަރުވީ އޭނާގެ މޫނުމަތީގައި ހެފި ކުޅަނދުރު އޮޅުމަކުން ދިރުވާލެވި އޭގެ ވިހަ ހަށިގަނޑަށް ފެތުރިގެން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އުމުރުން 53 އަހަރުގައި ސަންޖޭ މަރުވެފައިވާއިރު މަރުވުމުގެ ގަޑިއިރުތަކެއް ކުރިން އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް މިހާރު ވަނީ ވައިރަލްވެފަ އެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ ދުނިޔޭގެ ވަގުތަކީ ވަރަށް ކުރު ވަގުތެއް ކަމަށާއި ކޮންމެ ހިނދުކޮޅެއްގެ ބޭނުން ވެސް އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ ކަމަށެވެ.
ސަންޖޭއާއި ކަރިސްމާ ކައިވެނި ކޮށްގެން އުޅުނީ 2003 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބުނުއިރު ވަރިއަށްފަހު ދަރިން ބެލުމުގެ ހައްގު ލިބުނީ ކަރިސްމާ އަށެވެ.