1980ގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ މިހާރުގެ ވެޓެރަން އެކްޓަރު ދަރްމެންދްރާ އިސްލާމް ދީން ގަބޫލުކުރި ވާހަކަ އެވެ.
ދަރްމެންދްރާ އިސްލާމްވި ކަމަށް ބުނެ ހަލުވި ކަމާއެކު އަޑު ފެތުރުނުއިރު އެކަމުގެ ސަބަބާ ބެހޭގޮތުން ވެސް މީޑިއާއާއި އާއްމުންގެ މެދުގައި އެކި ކަހަލަ ވާހަކަތައް ދެކެވުނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ދަރްމެންދްރާ އިސްލާމްވީ ހިންދޫ ދީނުގައި އެއްފަހަރާ ދެ އަންހެނުންނާ ކައިވެނި ކުރުމުގެ ހުއްދަ ނެތުމާއެކު އެކްޓަރު ހެމާ މާލިނީއާ ކައިވެނި ކުރުމުގެ ބޭނުމުގަ އެވެ.
އެގޮތުން އެ ބޭނުމުގައި ހިންދޫ ދީން ދޫކޮށް އިސްލާމްވެ އޭނާގެ ނަން "ދިލާވަރު ޚާން"އަށް ބަދަލުކުރި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ދަރްމެންދްރާއާއި ހެމާ ބައްދަލުވިއިރު ދަރްމެންދްރާ އުޅެނީ އޭނާގެ ފުރަތަމަ އަންހެނުން ޕްރަކާޝް ކައުރްއާ ކައިވެނި ކޮށްގެންނެވެ. އެ ކައިވެންޏަށް ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލް ލިބުނެވެ.
އެހެން ނަމަވެސް ހެމާއާ ބައްދަލުވުމަށްފަހު ޕްރަކާޝް ވަރިނުކޮށް ހެމާއާ ކައިވެނި ކުރެވެން އޮތީ އިސްލާމްވެގެން ކަމަށްވާތީ އިސްލާމްވީ ކަމަށް ބުނެވެ އެވެ. އެހެން ނަމަވެސް ދަރްމެންދްރާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އޭގެ ފަހުން 40 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު އަދިވެސް ދަރްމެންދްރާ އުޅެނީ އެ ދެ އަންހެނުންނާ ކައިވެނި ކޮށްގެންނެވެ. އެހެނެއް ކަމަކު ދާދި ފަހުން އޭނާ ވަނީ ފުރަތަމަ ކައިވެނީގެ 71 ވަނަ އަހަރީ ދުވަސް ވެސް ފާހަގަކޮށްފަ އެވެ.
ދަރްމެންދްރާ އިސްލާމްވި ކަމަށް ބުނެވުނު ނަމަވެސް އެއްވެސް އިރެއްގައި އޭނާގެ ފަރާތުން މުސްލިމެއްގެ ސިފަތައް ފެނިފައެއް ނުވެ އެވެ.