ޓެލްއަވީވް- (ޖޫން 15) - އީރާނުން ރޭ ފޮނުވާލި ގިނަ މިސައިލްތައް އިޒްރޭލުގެ އެކި ތަންތަނަށް އަމާޒުވެ، ގިނަ ގެއްލުންތައް ލިބުނީ އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ މިސައިލުން ދިފާއުވާ ނިޒާމުތައް ފެއިލްވުމުން ކަމަށް ބުނެފި އެވެ.
އިޒްރޭލުގެ ވައިގެ ދިފާއު މައިގަނޑު ގޮތެއްގައި ބަރޯސާވެފައި ވަނީ އަޔަން ޑޯމް ނަމަކަށް ކިޔާ ސިސްޓަމެއްގެ މައްޗަށެވެ. އޭގައި ސްޕީޑާއި އަމާޒާއި އަންނަ މިސައިލްތައް ދެނެގަނެވޭ ރާޑަރެއް ހުރެ އެވެ. އެއަށްފަހު ކޮންޓްރޯލް ސެންޓަރުން ކަނޑައަޅަނީ ޕްރޮޖެކްޓަލް އިން އިޒްރޭލްގެ އަވަށްތަކަށް ނުރައްކާވޭތޯ އާއި އެކަން ކޮށްފިނަމަ މިސައިލް ފަޔަރިން ޔުނިޓުން އެކަން ހުއްޓުވުމަށް މިސައިލް ފޮނުވާލަ އެވެ. ކޮންމެ މިސައިލް ލޯންޗާއެއްގައި 20 އިންޓަސެޕްޓާ މިސައިލް ހުރެ އެވެ.
އިޒްރޭލުގެ އެކި ކަންކޮޅުތަކުގައި 10 އަޔަން ޑޯމް ޑިފެންސް ސިސްޓަމް ބަހައްޓާފައިވެ އެވެ.
އެހެނިހެން ސިސްޓަމްތަކުން މެދުރާސްތާ އާއި ދުރު ރާސްތާގެ މިސައިލްތައް ވައިގެ ތެރޭގައި ހަލާކުކުރެ އެވެ. އޭގެ ތެރޭގައި ޑޭވިޑްގެ ސްލިންގް އިން 40 ކިލޯމީޓަރު (25 މޭލު) އާއި 300 ކިލޯމީޓަރު (186 މޭލު) އާ ދެމެދުގެ މިސައިލްތައް ހުއްޓުވަ އެވެ. އެރޯ ސިސްޓަމަކީ 2،400 ކިލޯމީޓަރު (1،491 މޭލު) ގެ ރޭންޖެއް ހުންނަ މިސައިލްތައް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.
މި ސިސްޓަމްތައް ފޫއަޅުވާލައި އީރާނުގެ ބާރުގަދަ މިސައިލްތަކުން ވަނީ އިޒްރޭލްގެ މުހިންމު އެތައް ތަނެއް ގޮއްވާލައި، ބިމާ ހަމަކޮށްލައިފަ އެވެ. މިގޮތުން ރޭ ދިން ހަމަލާގައި އިޒްރޭލުގެ ތެލުގެ 60 އިންސައްތައަށް ވުރެ ގިނަ ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް ވައިގެ އަސްކަރިއްޔާއަށް ސަޕްލައިކުރާ ހައިފާ ތެޔޮ ރިފައިނަރީއަށް އީރާނުން ވަނީ ވަރުގަދަ ހަމަލާތަކެއްދީ ސުންނާފަތިކޮށްލައިފަ އެވެ. އެ ހަމަލާގެ ސަބަބުން އިޒްރޭލުގެ އިގްތިސާދަށާއި އަސްކަރީ ގާބިލްކަން ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމަށް ބުނެ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ރޭ ދަންވަރު އިޒްރޭލަށް ދިން ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ހަޖު ގާސިމް ގައިޑެޑް ބެލިސްޓިކް މިސައިލެވެ.
މީގެ އިތުރުން ހައިފާ އަދި ޓެލް އަވީވަށް އަމާޒުކޮށް ފޮނުވާލި މިސައިލް ތަކުގެ ތެރޭގައި އިމާދު، ޣަދުރު އަދި ޚައިބަރު ޝެކަން ހިމެނޭ ކަމަށް އީރާނުން ބުނެ އެވެ.
އިމާދު ބެލިސްޓިކް މިސައިލް އަކީ ޣަދުރުގެ އަޕްގްރޭޑް ކޮށްފައިވާ ވޭރިއަންޓެކެވެ. މިއީ އިތުރަށް ގައިޑެންސް އަދި އެކިއުރަސީ ރަނގަޅު ކުރެވިފައިވާ މިސައިލްއެކެވެ. މި މިސައިލް ޓެސްޓުކޮށް ކޮމިޝަން ކުރީ 2015ގެ ފަހުކޮޅު އެވެ.
މި މިސައިލްގައި އަލަށް ހިމަނާފައިވާ ސިފަތަކުގެ ތެރޭގައި އަރިއަރިއަށް އެނބުރުމުގެ ގާބިލުކަން ލިބިފައިވާ ވޯހެޑެއް ހިމެނޭ ކަމަށްވެ އެވެ. މި ވޯހެޑުގެ ބޭސްގައި ކޮތަރި ބަރި އެއް ހުރެއެވެ. މިއީ ޖައްވުގެ ތެރެއަށް އަނބުރާ ވަދެ، އަމާޒަށް ދިއުމަށް ހުންގާން ހިފުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.
އިރާނުގެ މިލިޓަރީ އޮފިޝަލުން ބުނާގޮތުގައި އިމާދު އަކީ އަމާޒަށް ވާސިލު ވަންދެން ފުލް ގައިޑެންސް އަދި ކޮންޓްރޯލް ކުރެވޭ މިސައިލްއެކެވެ. މިއީ އިރާނުގެ ފުރަތަމަ ޕްރެސިޝަން- ގައިޑެޑް މިސައިލް އެވެ. --- އަލްޖަޒީރާ