ގުޑް މޯނިން އެމެރިކާ ޝޯއަކީ ފާއިތުވި 25 އަހަރު ދުވަހު އެމެރިކާގެ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ބެލި ޝޯ އެކެވެ. ދުވަސް ފަށާއިރު އެ ދުވަސްވަރު އެގައުމާއި ދުނިޔޭގެ މަޝްރަހުގައި އޭރަކު ހިނގާ އެންމެ ތާޒާ ހަބަރުތައް އެ ޝޯއިން އެނގެ އެވެ.

އެހެން ނަމަވެސް މިފަހުން އިވިގެންދިޔަ ހަބަރަކީ އެ ޝޯ ހުއްޓާލަން އުޅޭކަމުގެ ހަބަރެވެ. އެއާއެކު ގިނަ ބަޔަކު އެކަމުގެ ހިތާމަ ވެސް ފާޅުކުރަން ފެށި އެވެ.

މި ހަބަރުތަކާ ގުޅިގެން ގުޑް މޯނިން އެމެރިކާ ގެނެސްދޭ އޭބީސީ ނިއުސް އިން ބުނެފައިވަނީ އެ ޝޯ ފާއިތުވި 26 އަހަރު ދުވަހު ޝޫޓުކުރި ސްޓޫޑިއޯ ބަދަލުވަނީ ކަމަށާއި ޝޯ އެއްކޮށް ހުއްޓާލަނީ ނޫން ކަމަށެވެ.

އެގޮތުން މިހާތަނަށް ޝޯ ކުރިއަށް ގެންދިޔައީ ޓައިމްސް ސްކުއާގައި ހުންނަ ސްޓޫޑިއޯއެއްގައި ކަމަށާއި އެހެން ނަމަވެސް މީގެ ފަހުން ދެން އެ ޝޯ ކުރިއަށް ދާނީ ލޮސް އެންޖެލަސްގެ ޑައުން ޓައުންގައި ހުންނަ ސްޓޫޑިއޯއެއްގައި ކަމަށް ވެސް އެ ޗެނަލްއިން ބުންޏެވެ.

ޓައިމް ސްކުއާގެ ސްޓޫޑިއޯގައި މަސައްކަތްކުރި އެންމެ ފަހު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޝޯގެ ޓީމުން ވަނީ އެ ސްޓޫޑިއޯގައި ހޮނިހިރު ދުވަހު ޕާޓީއެއް ވެސް ބާއްވާފަ އެވެ.

އެއާއެކު ޝޯގެ ޓީމުން ބުނީ ކުރީގެ ސްޓޫޑިއޯގައި ފޮނި މީރު ހަނދާން ތަކެއް ވީ ނަމަވެސް އާ ސްޓޫޑިއޯގައި މަސައްކަތް ކުރުމަކީ ވެސް އާ ތަޖުރިބާއަކަށް ވާނެ ކަމަށެވެ.