ތެހެރާން (15 ޖޫން) - އީރާނުގެ ސިއްރުތައް ފޯރުކޮށްދިން އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ދެ އެޖެންޓުން ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

ތަސްނީމް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ވާގޮތުން އެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރަލާއި އިލެކްޓްރޯނިކް ވަސީލަތްތައް ތައްޔާރުކުރަމުން ދަނިކޮށް އަލްބޯޒް ޕްރޮވިންސްގަ އެވެ.

އީރާނުން ވަނީ އިޒްރޭލާއެކު ޒަމާނުއްސުރެ ހިނގަމުންދާ ސިއްރު ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުން ހިފެހެއްޓި މޮސާޑާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އެތައް ބަޔަކަށް މަރުގެ އަދަބު ދީފަ އެވެ. ހާއްސަކޮށް އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސް އެޅުމުގެ މަގުސަދުގައި، އެ ގައުމުގެ އެތެރޭގައި ފަސާދަ އާއި އިސްވެރިން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހުން އޭގެ ތެރޭގައި ހިމެނެ އެވެ.

އިޒްރޭލުން މިފަހަރު އީރާނަށް ހަމަލާ ދިނުމުގެ ކުރިން އެ ގައުމުގެ ތެރޭގައި މޮސާޑްގެ އެޖެންޓުންތަކެއް ހަރަކާތްތެރިވި ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހުން އީރާނުގެ އެކި ސަރައްދުތަކުގައި ތިބެ އެ ގައުމުގެ ދިފާއީ ނިޒާމުތަކަށް ހުރަސް އަޅައި، ބައެއް އިސްވެރިންނަށް ފާރަލައި ހޯދައިގެން އެތަންތަނަށް ހަމަލާދިން ކަމަށް ވެސް އިޒްރޭލުން ބުނެފައިވެ އެވެ.

އީރާނުން ވަނީ މީގެ ކުރިން ވެސް މޮސާޑަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި 16 މީހުން ހައްޔަރުކޮށްފަ އެވެ. -- އަލްޖަޒީރާ