އީރާނުން އިޒްރޭލަށް އަމާޒުކޮށް ދެމުން އަންނަ މިސައިލް ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ތެޔޮ އުފައްދާ އެންމެ ބޮޑު ކުންފުނި ބަންދުކޮށްފި އެވެ.
އިޒްރޭލުން ގަދަކަމުން ވެރިވެގެންފައިވާ ހައިފާ ޕޯޓް ކައިރީގައި ހުންނަ ބަޒަން ކޮމްޕްލެކްސް އިން ބުނީ އީރާނުގެ ހަމަލާތަކާ ގުޅިގެން ތެޔޮ އުފައްދާ ޕައިޕްލައިންތަކާއި ފެސިލިޓީއާއި ކުންފުންޏާ ގުޅުވައިދޭ ލައިނުތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެއާއެކު އެ ކުންފުނީގެ ބައެއް ހިދުމަތްތައް ވެސް ވަނީ މެދުކެނޑިފަ އެވެ.
މި ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާއިރު، މިއީ ޔަހޫދީންގެ އާބާދީގެ ބޮޑު ބަޔަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މި ކުންފުނިން ދުވާލެއްގެ މައްޗަށް 0.2 މިލިއަން ފީފާގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން ލިބިފައިވެ އެވެ.
އިޒްރޭލުގެ 40 އިންސައްތަ ހަކަތައަކީ އެތެރެކުރާ ތެލުން އުފައްދާ ހަކަތައަށް ވާއިރު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އީރާނުން އިޒްރޭލުގެ ތެޔޮ އުފައްދާ ކުންފުނިތަކަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެގައުމުގެ ތެލުގެ ސަޕްލައިއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.
އީރާނުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޔަހޫދީންނަށް އަމާޒުކޮށް މިސައިލްގެ ހަމަލާތައް ފޮނުވަން ފެށީ ޔަހޫދީން އީރާނުގެ އާއްމުންނާއި އަސްކަރިއްޔާ އަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ.
އީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ، އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ މީހުން ވަނީ ޒަހަމްކޮށްލާފަ އެވެ.