ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ރިޓަޔާމަންޓް އެލަވަންސް ދޭނީ ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
އުއްތަމަފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަހު ރިޓަޔާ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާފައިވަނިކޮށް، އެމަނިކުފާނަށް އިތުރު އެލަވަންސެއް ލިބިވަޑައިގަންނަވާ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދު އިސްލާހު ކުރަން އެ ކޮމިޝަނުން ނިންމާ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
މި އިސްލާހުގައިވާގޮތުން، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނޭނެ އެވެ. މިފަދައިން ގަވާއިދު އިސްލާހު ކުރުމުން، މުއުތަސިމްއަށް މިހާރު ގަޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި 493،600ރ. ލިބިވަޑައިގަންނަވާނެ އެވެ.
އޭގެ އިތުރުން ދަތުރުފަތުރުގެ އެލަވަންސާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް ހިމެނެ އެވެ.
މިކަމާ ގުޅިގެން އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން މިކަމާ ދެކޮޅު ހެއްދެވިއިރު، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ މި އިސްލާހަށް ތާއީދު ކުރައްވާފަ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި، އުއްތަމަފަނޑިޔާރުގެ ރިޓަޔާމަންޓް ޕެކޭޖް ބޮޑު ކުރަނީ "ޑީލް"އެއްގެ ދަށުންނެވެ.
ބަހުސް މާ ބޮޑަށް ހޫނު ވުމުން އިއްޔެގެ ބައްދަލުވުމުގެ އެޖެންޑާގެ އެ ބައި ވަނީ ކުރުކޮށްލާފަ އެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން އެއީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދެއް ކަމަށް ވާތީ، ފިނޭންސް މިނިސްޓްރީގެ ލަފައެއް ބޭނުންވާ ކަމަށެވެ.
މިކަމުގައި ޕޭ ކޮމިޝަނުން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި އެ ލަފާގެ މަތިން ކޮމިޝަނުން ނިންމާ ނިންމުމަކާ އެއްގޮތަށް ގަވައިދު އިސްލާހުކުރަން މެންބަރު ހުށަހެޅުއްވުމުން، މި ހުށަހެޅުމަށް ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވި އެވެ.
އެއާއެކު އެ ހުށަހެޅުން ކޮމިޓީގެ އަގުލަބިއްޔަތުން ފާސްވިކަން، ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ އިއުލާނުކުރައްވާފަ އެވެ.