ވެރިކަންކުރާ ޕީއެންސީން މިރޭ ބާއްވާ ހަރުގެ ޖަލްސާއަށް ކޮންމެ ދާއިރާއެއްގެ ރައީސަކު 10 މީހުން ގެންދަން އަންގައިފި އެވެ.

އެ ޕާޓީން މިފަދައިން އަންގާފައި ވަނީ އެ ޕާޓީގެ ހަރުގެ ޖަލްސާތަކަށް ދާ މީހުންގެ އަދަދު މަދުކަމުން ގިނަ ބަޔަކު އެކަން ފާހަގަކޮށް ފާޑުކިޔާތީ އެވެ.

ޕީއެންސީގެ ދާއިރާ ރައީސުން ތިބޭ ވަޓްސްއެޕް ގްރޫޕަށް ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް ފޮނުއްވި މެސެޖެއްގައި ވަނީ އެ އެންގުން އަންގާފަ އެވެ.

އެ ގްރޫޕަށް މުހައްމަދު އިސްމާއިލް ފޮނުވި މެސެޖުގައި ވަނީ މިރޭ އޮންނަ އެ ޕާޓީގެ ހަރުގެ ޖަލްސާއަށް ޕީއެންސީގެ ކޮންމެ ދާއިރާ ރައީސްއަކު ވެސް އިތުރު 10 މީހުން ގެންދިޔުމަކީ ޕާޓީގެ ލީޑަޝިޕުން އެދޭ ކަމެއް ކަމަށެވެ.

"ސަލާމް،.. މިރޭގެ ހަރުގެ ޖަލްސާއަށް ބޭފުޅަކު ވެސް މަދުވެގެން 10 ބޭފުޅުން ގެނެސްދެއްވުމަކީ ޕާޓީގެ ލީޑަޝިޕް އެދިލައްވާ ކަމަކަށް ވާތީ އިހުތިރާމާއެކު އެ ވާހަކަ ދަންނަވައިލިން،" މުހައްމަދު އިސްމާއިލް ކުރެއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.

މުހައްމަދު އިސްމާއިލްގެ އެ މެސެޖާ ގުޅިގެން އެ ގްރޫޕްތެރެ ވަނީ ހޫނުވެފަ އެވެ. އެކަމާ ނުރުހުން ފާޅުކޮށް އެ ގްރޫޕްގައި މީހަކު ބުނެފައި ވަނީ ހަރުގެ ޖަލްސާއަށް މީހުން ގެންދަން މަސައްކަތް ކުރެވޭނީ އެމީހުންގެ ހާލަތަށް އިސްކަންދޭ ނަމަ ކަމަށެވެ.

މިރޭ އޮންނަ އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދެއްކުމަށް ހަމަޖެހިފައި ވަނީ ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އިބްރާހިމް އާއި އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް (ރެޑްވޭވް) އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމްގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު، ހަސަން މުފީދު އަބްދުލްގާދިރު އެވެ.