ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލާގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.

އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލުމަށްފަހު އެ މީހާ ދޫކޮށްލި ކަމަށް ބުނެ މިދިޔަ މާޗް މަހު މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ދެމެހެއްޓި މައްސަލަ އިސްތިއުނާފްކުރީ އޭނާގެ ފަރާތުންނެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަބްދުالله ހަމީދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޝަހީދާއި ފަނޑިޔާރު ހަމީދަކީ ދާދިފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުންނެވެ.

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ބުނާ މައްސަލާގައި ޝަމްއާންގެ މައްޗަށް މިހާރު ވަނ ފޭރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ ނުވަ އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.

މީގެ އިތުރުން ބިދޭސީ މީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާގެ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.