ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމުގެ ހަފުލާ މުލީއާގޭ ކަންމަތީގައި ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ އެކްސްގައި ވިދާޅުވީ އެ ހަފްލާގެ އިތުރުން އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ އިވެންޓްތަކެއް ބާއްވަން ތަނެއް ހަމަޖައްސަން އެދުމުން ތަނެއް ހަމަޖައްސައިނުދީ ސަރުކާރުން އެކަމަށް ހުރަސް އަޅަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ހަމަޖައްސައިނުދީފިނަމަ މުލީއާގޭ ކަންމަތީގައި ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަފްލާ މުލީއާގޭ ކަންމަތީގައި އޮންނާނެ ކަމަށެވެ.
"ވީމާ މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާނަމަ، އެމްޑީޕީ އަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ،" ފައްޔާޒް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމާފައިވާތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެކަމަށް މަރުހަބާ ދަންނަވާފަ އެވެ.
ރައީސް ސޯލިހު ވަނީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް އެމްޑީޕީވުމަށް އިލްތިމާސްކުރައްވާފަ އެވެ.