މީގެ ހަފުތާއެއްހާ ދުވަސްކުރިން، އަހްމަދުއާބާދުގައި ހިނގި އެއާ އިންޑިއާގެ ފްލައިޓް AI171ގެ އެކްސިޑެންޓަށް ފަހު، ވައިގެ ދަތުރުފަތުރަށް ހުރަސް އެޅި، ފްލައިޓްތައް ކެންސަލް ކުރުންތަކާއި ލަސްވުންތައް ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
މިކަމުގެ ސަބަބުން ދަތުރުކުރުމާމެދު އާ ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގިނަ ހާދިސާތަކާއި ލަސްވުންތައް އެއާ އިންޑިއާގެ ފްލައިޓް AI171 ގެ އެކްސިޑެންޓަށް ފަހު، ފްލައިޓް ކެންސަލް ކުރުންތަކާއި، ލަސްވުންތަކުގެ އިތުރުން، ދަތުރުގެ މެދުތެރެއިން އަނބުރާ ޖައްސަން ޖެހުން ފަދަ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. ޖޫން 12 އިން 17 އާ ދެމެދު، އެއާ އިންޑިއާގެ 83 ފްލައިޓް ކެންސަލް ކުރެވިފައިވާ ކަމަށް ރިޕޯޓްތަކުން ދައްކަ އެވެ. މީގެ ތެރެއިން 66 ފްލައިޓަކީ ބޯއިން 787 ޑްރީމްލައިނާސް ކަމަށްވެ އެވެ.
މިފަދަ ހާދިސާތަކުގެ ތެރޭގައި، ބުދަ ދުވަހު ދިއްލީން ބާލީއަށް ދަތުރުކުރި ފްލައިޓެއް އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ދަތުރުގެ މެދުތެރެއިން އަނބުރާ ޖައްސަން ޖެހުމާއި، އިއްޔެ ލެހް އިން ދިއްލީއަށް 180 ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިޓެއް ޓެކްނިކަލް މައްސަލައަކާ ހެދި ދިއްލީގައި ކުއްލި ހާލަތުގައި ޖައްސަން ޖެހުނު ކަން ހިމެނެ އެވެ. މިފަދަ ހާދިސާތަކާއި، ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ގިނަވުމުގެ ސަބަބުން، ވައިގެ މަގުން ދަތުރުކުރުމާމެދު އާ ބިރުވެރިކަމެއް ނުވަތަ "އެއިރޯފޯބިއާ" އުފެދެމުން އެބަދެ އެވެ.
ސައިކޮލޮޖީގެ ނަޒަރުން ނިއުރޯ ސައިކިއެޓްރިސްޓް ޑރ. ދީކްޝާ ޕާރްތަސާރަތީ ވިދާޅުވީ، ވައިގެ މަގުން ދަތުރުކުރުމަށް ބިރުގަތުމަކީ ކަންކަން ކޮންޓްރޯލް ނުކުރެވޭ ކަމުގެ އިހުސާސާ ގުޅުންހުރި ކަމެއް ކަމަށެވެ. މީގެ ސަބަބުން ހާސްކަމުގެ އަލާމާތްތައް ފެންމަތިވެދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ދަތުރު ފެށުމުގެ ކުރިން ބޯޓުގެ އެކި ޓެކްނިކަލް މައްސަލަތައް ދިމާވުމަކީ އާ ކަމެއް ނޫނެވެ. ހަމައެހެންމެ މިފަހުން އެއާ އިންޑިއާގެ ފްލައިޓް AI171 ގެ އެކްސިޑެންޓު ވުމުގެ ކުރިން ވެސް ފްލައިޓުގައި އެކި ޓެކްނިކަލް މައްސަލަތައް ދިމާވި މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުވެފައިވެ އެވެ.