އިއްޔެ އެމެރިކާއިން އީރާނުގެ 3 ނިއުކްލިއާ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ އެވެ.
މިގޮތުން އެމެރިކާގައި ސާފުނުކުރާ ތެލުގެ އަގު އިއްޔެ 1.32 ޑޮލަރަށް އަރާފައިވާއިރު، ތެޔޮ ފީފާއެއްގެ އަގު ވަނީ 75.73 ޑޮލަރަށް އުފުލިފައެވެ. މިއީ 1.79 ޕަސެންޓުގެ ބޮޑުވުމެކެވެ.
މިއާއެކު ތެލުގެ އަގުގެ މިންގަނޑު ކަނޑައަޅާ، ބްރެންޓް ކްރޫޑް ސާފުނުކުރާ ތެލުގެ އަގު 1.34 ޑޮލަރު ނުވަތަ 1.74 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، ތެޔޮ ފީފާއެއްގެ އަގު 78.35 އަށް އުފުލިފަ އެވެ.
ހަކަތައާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި ބާޒާރަށް ނެރޭ ތެލުގެ ގާތްގަނޑަކަށް 20 ޕަސެންޓް ތެޔޮ އުފުލާ އުޅަނދުތައް ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމުގެ ބިރުހީވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތެލުގެ އަގު އުފުލުމުގެ ފުރުސަތު ބޮޑެވެ.
މިގޮތުން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ ވެސް މައްޗަށް ގޮސްދާނެ ކަމަށް އެފަރާތްތަކުން ބުނެ އެވެ.
އީރާނުގެ ގާނޫނުހަދާ މަޖިލީހުން އެ ކަނޑުއޮޅި ބަންދުކުރުމަށް ނިންމި ނަމަވެސް، އެކަން އެގޮތަށް އަދި ކޮށްފައެއްނުވެ އެވެ.