ކ. ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިފައިންގެ ލޭންޑިން ކްރާފްޓުގެ ބައެއް ސާމާނު އޮޔާދާތީ ސަމާލުވުމަށް އެމްއެންއެޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑުން ދަތުރުކުރަމުން ދަނިކޮށް، ބަންޑުން ޖަހާލީ މިއަދުއެވެ. އެ ހާދިސާގައި ސިފައިންގެ މީހަކު ވަނީ ނިޔާވެފަ އެވެ. އަދި ދެ މީހަކު ވަނީ ގެއްލިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުންނެވެ. މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް ދަނީ އޮޔާދަމުންނެވެ.
"ވީމާ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ،" އެމްއެންޑީއެފް އިން ބުންޏެވެ.