ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ހިދުމަތް ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ވެފައިވާ ވައުދުފުޅާ އެއްގޮތަށް މިއަދު އެ އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައިވާކަމަށާއި، މި ހިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގަައި އެ ހިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުންވެސް ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ހިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވައުދުވެސް ފުދިގެންދާނެ ކަމަށާއި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރ. އަތޮޅުގައި މިއަދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ފަށާފައިވާއިރު ފުރަތަމަ ހަފްތާގެ ދަތުރުތައް ހިލޭ ކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ރ. އަތޮޅަކީ އާރުޓީއެލް ފެރީގެ ހިދުމަތް ފެށި 10 ވަނަ އަތޮޅެވެ.