ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުޑަކުދިންނާއި ދެ މީހަކުގެ ހާލު ސީރިއަސްވެ މާލެ ގެނައުމަށް ނިންމައިފި އެވެ.
އެ މީހުންނަށް ފައިނު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު އަންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ އަނިޔާވި ކުޑަ ދެ ކުދިން އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާ ކަމަށެވެ. އަދި އަނިޔާވި 18 އަހަރުން މަތީގެ ދެ މީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ހަތަރުވަނަ މީހާއަށް އުނގޫފާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.
"ކުޑަ ދެކުދިން މާލެ ފޮނުވާލުމަށްޓަކައި މިހާރު ތިބީ އިފުރުގައި. ދެން ތިބި ދެމީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމަށް އާސަންދަ ހަމަޖެހިފައި ވަނީ. ޓްރާންސްޕޯޓް ހަމަޖެހުމާއެކު ފޮނުވާލަންވީ،" އޭނާ ވިދާޅުވި އެވެ.
ރޭ 9:30 ހާއިރު ފައިނުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މަގުމަތީ ހިނގާފައި ދިޔަ ބައެެއްގެ ގައިގައި ޖެހިގެންނެވެ.