މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާލާއިރު ލަވަތަކުގެ ރިމިކްސް ހެދުމަކީ އޭރުގެ ޓްރެންޑެވެ. އެއީ ކުރީގެ ހިންދީ ލަވަތަކުގެ ރިމިކްސްތައް ވައިގައި ހިފި ދުވަސްވަރެކެވެ.

އޭގެ ތެރެއިން ވެސް ޑީޖޭ ޑޯލްގެ "ކާންޓާ ލަގާ"ވެގެން ދިޔައީ ބެލުންތެރިންގެ ސިކުނޑީގައި ހަރުލި ލަވައަކަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށް ވީ ޒުވާން ތަރި ޝެފާލީ ޖެރިވާލާ ފެނިގެންދިޔަ އެ ލަވައިގެ މިއުޒިކް ވީޑިއޯ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކުއްލި ގޮތަކަށް މަރުވި ޝެފާލީ އެ ލަވައާއެކު އެންމެންގެ ސަމާލުކަން ހޯދި އެވެ. އުމުރުން އެންމެ 20 އަހަރުގައި ޕްރިޔަންކާ ޗޯޕްރާ، ޝާހިދު ކަޕޫރު އަދި ލާރާ ދައްތާ ފަދަ ތަރިންނާ ވާދަކުރި އެވެ.

އެ އަހަރު އިންޑިއާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން އިންޑިއާގެ "ބްރޭކްއައުޓް ސްޓާ"އެއްގެ ގޮތުގައި ޝެފާލީ ކުރި ހޯދީ މި ދެންނެވި ތަރިންނާ ވާދަ ކޮށްގެންނެވެ.

"ކާންޓާ ލަގާ"ގެ ކާމިޔާބަށްފަހު ޝެފާލީއަށް ބޮލީވުޑްގެ ފުރުސަތުތައް އޮހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެހެން ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މާ ގިނަ ދުވަހެއް ނުވެ ޝެފާލީގެ ވިދުން ވެސް ފަނޑުވި އެވެ.

ބޮޑު ސްކްރީނުން ޝެފާލީ ފެނިގެންދިޔައީ އެންމެ ދެތިން ފަހަރު އެވެ. އެއީ އަކްޝޭއާއެކު "މުޖްސޭ ޝާދީ ކަރޯގޭ"އިންނާއި ތެލުގޫ އަދި ކެނެޑާ ފިލްމަކުންނެވެ.

ޓީވީއަށް ބަލާއިރު ވެސް ޝެފާލީގެ ފެނިލުންތައް އާއްމު ގޮތެއްގައި ފެނުނީ ރިއަލިޓީ ޝޯތަކުންނެވެ. އޭގެ ތެރޭގައި "ނަޗް ބަލިޔޭ"، "ބޫގީ ވޫގީ" އަދި "ބިގް ބޮސް" އެވެ.

2020 ވަނަ އަހަރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝެފާލީ ބުނީ "ކާންޓާ ލަގާ"އަށްފަހު ގިނަ މަސައްކަތްތަކެއް ނުކުރަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލުކުރާ ކަމަށާއި އޭގެ ފަހަތުގައި ވަނީ އޭނާ ތަހައްމަލުކުރާ ނާރުގެ ބައްޔެއް ކަމަށްވާ "އެޕިލެޕްސީ" ކަމަށެވެ.

"އަހަންނަކަށް ނޭނގެ އަހަންނަށް ދެން ފިޓު ޖެހޭނީ ކޮން އިރަކު ކަމެއް. އެހެންވެ ގިނަ މަސައްކަތްތަކެއް ނުނަގަން. ގާތްގަނޑަކަށް 15 އަހަރު ވަންދެން މިކަން ކުރިއަށް ދިޔަ،" ޝެފާލީ ބުންޏެވެ.

ޝެފާލީ ބުނީ އޭނާގެ އެޕިލެޕްސީ ހުންނަކަން އެނގުނީ ފުރާވަރުގެ އުމުރުގައި ކަމަށާއި ޒުވާން އުމުރާ ހަމައަށް އެ ބައްޔަށް ފަރުވާ ކުރަން ޖެހުނު ކަމަށެވެ.

އެއާއެކު ޝެފާލީގެ ޒަވާޖީ ހަޔާތަކީ ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ކަމެކެވެ. 2004 ވަނަ އަހަރު މިއުޒީޝަން ހަރްމީތު ސިންހްއާ ފުރަތަމަ ކައިވެނި ކުރިއިރު އެ ކައިވެނި ނިމުނީ 2009 ވަނަ އަހަރު ޝެފާލީ ހަރުމީތުއަށް ކުރި ގެވެށި އަނިޔާގެ ދައުވާއިންނެވެ.

އޭގެ ފަހުން ޕަރަގް ތިޔާގީއާ އޭނާ ކައިވެނި ކުރިއިރު ޝެފާލީ މަރުވީ އެ ކައިވެންޏަށް 10 އަހަރު ވީ ފަހުންނެވެ. އެއިން އެއްވެސް ކައިވެންޏަކުން އޭނާއަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.

ހުކުރު ދުވަހުގެ ރޭ އޭނާ ދިރިއުޅެމުން ދިޔަ ގޭގައި އުޅެނިކޮށް ނުރައްކާތެރި ހާޓް އެޓޭކެއް ޖެހިގެން ޝެފާލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހަބަރުތައް ބުނެ އެވެ. މަރުވި އިރު އޭނާގެ އުމުރަކީ 42 އަހަރެވެ.