ކެމްބޯޑިއާގެ ކުރީގެ ލީޑަރު ހުން ސެން އާ އެކު ތައިލެންޑް ގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ދެއްކެވި ވާހަކަތަކެއް ލީކުވެ މަގާމުން އިސްތިއުފާ ދިނުމަށް ތައިލެންޑް ގެ ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް އެގައުމުގެ ދުސްތޫރީ ކޯޓުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ އެ ކޯޓުން ނެގި ވޯޓުގެ 2-7 ވޯޓާ އެކު އެވެ. އަދި އޭނާގެ ދިފާއު ހުށަހެޅުމަށް 15 ދުވަސް ވަނީ ދީފަ އެވެ.
ކޯޓުގެ މި ނިންމުމާ އެކު ވަގުތީ ގޮތުން ތައިލެންޑް އެކްޓިން ލީޑަރަކަށް ހަމަޖެހިފައިވަނީ އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ސޫރިޔާ ޖުންގުރުންގުރަންކިޓް އެވެ.
ޝިނަވަތުރާ އާއި ސެން އާ ދެމެދު ދެކެވުނު ވާހަކަގައިގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ޝިނަވަތުރާ ވަނީ ސެން އަށް "ބޭބެ" ގެ ނަމުން މުހާތަބުކޮށް ތައިލެންޑް ގެ އަސްކަރިއްޔާގެ ވެރިއަކަށް ފާޑު ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ޕެޓިޝަންއެއް ވެސް ހުޅުވާލާފައިވާއިރު، އެގައުމުގެ ކޯޓުން އަންނަނީ އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަމުންނެވެ.
ކޯޓުގެ ނިންމުން ޝިނަވަތުރާ ގަބޫލުކުރާ ކަމަށާއި، އެކަމުގެ ސަބަބުން މައާފަށް އެދޭ ކަމަށާއި، ކޮންމެ ގޮތަކަށް ކަންތައްވީ ނަމަވެސް ތައިލެންޑް ގެ ރައްޔިތެއްގެ ގޮތުގައި ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޭނާ މަގާމުން ވަކިކޮށްފިނަމަ ޝިނަވަތުރާ ވެގެންދާނީ ތައިލެންޑްގެ ބާރުގަދަ ޝިނަވަތުރާ ދަރިކޮޅުން ވެރިކަމަށް އައި މީހުންގެ ތެރެއިން ވެރިކަމުގެ ދައުރު ނުނިމެނީސް މަގާމުން ވަކިވާން ޖެހުނު ތިން ވަނަ މީހާ އަށެވެ. އަދި އޭނާ ވެގެންދާނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން ތައިލެންޑްގެ ފުއެ ތައި ޕާޓީގެ ފަރާތުން ހޮވުނު ބޮޑުވަޒީރުންގެ ތެރެއިން މަގާމުން ވަކިކުރި ދެވަނަ މީހާ އަށެވެ.