ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް މިއަދުން ފެށިގެން ބޮޑުވެއްޖެ އެވެ.
މި ބަދަލު އައީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި ހަތް ވަނަ އިސްލާހުގެ ދަށުންނެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނީ މިއަދުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ ލާޒިމުވާ ހުރިހާ މުއާމަލާތްތަކަކުން ޖީއެސްޓީ ނަގާނީ 17 އިންސައްތައިގެ ރޭޓުގައި ކަމަށެވެ.
މި ބަދަލާ ގުޅިގެން، މީރާއިން ވަނީ ވިޔަފާރިތަކުން އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ދީފަ އެވެ. އެގޮތުން 24 ގަޑިއިރު އުސޫލުން ވިޔަފާރިކުރާ ފަރާތްތަކުން މިރޭ 00:00 ގެ ކުރިން ފޯރުވައިދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަންވާނީ 16 ޕަސެންޓްގެ ރޭޓުން ކަމަށް އެ އިދާރާ އިން ބުންޏެވެ. އަދި އޭގެ ފަހުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަންވާނީ 17 ޕަސެންޓްގެ ރޭޓުންކަމަށް ވެސް މީރާ އިން ބުންޏެވެ.
މީރާއިން މީގެ ކުރިން ވަނީ ވިޔަފާރިތަކަށް އާ ރޭޓަށް ތައްޔާރުވުމަށްޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އަގުތައް އަލުން ކަނޑައެޅުމުގެ މަސައްކަތް ދުރާލާ ފެށުމަށް އިލްތިމާސްކޮށްފަ އެވެ.