ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންހްގެ އިންސްޓަގްރާމް އެކައުންޓްއަށް ގެނައި ކުއްލި ބަދަލަކުން އޭނާގެ ސަޕޯޓަރުން ހައިރާން ކުރުވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަންވީރު ވަނީ އޭނާގެ އިންސްޓަގްރާމްގެ ހުރިހާ ޕޯސްޓުތަކެއް ޑިލީޓްކޮށް ޕްރޮފައިލް ފޮޓޯ ވެސް ކަޅު ބެކްގްރައުންޑް އަކަށް ބަދަލު ކޮށްފަ އެވެ.

އެއާއެކު ރަންވީރު ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި "12:12" މި ލިޔުން ކޮޅާއެކު ދެ ކަނޑި ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ. އެހެން ނަމަވެސް މިއީ ކޮން ކަމަކަށް އިޝާރާތް ކޮށް ކުރި ޕޯސްޓެއް ކަމެއް ނޭނގެ އެވެ.

ރަންވީރު އޭނާގެ އިންސްޓަގްރާމަށް އެ ބަދަލު ގެނެސްފައިވަނީ އޭނާގެ 40 ވަނަ އުފަން ދުވަހުގެ އެއް ދުވަސް ކުރިންނެވެ. އެހެން ކަމުން އެއީ އޭނާގެ އުފަން ދުވަހާ ގުޅުންހުރި ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ބުންޏެވެ.

އެއާއެކު އެއީ ރަންވީރުގެ ކުރިއަށް އޮތް ފިލްމު "ދުރަންދަރް"ގެ ޕްރޮމޯޝަނަލް ސްޓަންޓްއެއް ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އަދިތުޔާ ދަރް ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ސިޔާސީ މަޝްރަހު ދައްކުވައިދޭ ރަންވީރުގެ އެންމެ ހާއްސަ އެއް ފިލްމަށް ވާނެ ކަމަށް ބެލެވެ އެވެ.