އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެ މިނިސްޓްރީގެ އެއްވެސް ސެކްޝަނަކަށް ނުވަތަ ޑިޕާޓްމަންޓަކަށް ވަޑައިގެންފިނަމަ އަދަބު އިހުތިރާމު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވު ހިނިތުންވުމާއެކު މުހާތަބުކުރަން އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް އެގޮތަށް އެންގީ އެ މިނިސްޓްރީގެ އެކި ޑިޕާޓުމެންޓުތަކަށް ފޮނުވި އީމެއިލްއަކުންނެވެ.
އެ މިނިސްޓްރީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު، އުމްނިއްޔާ މުސްތަފާ ފޮނުވި އެ މެއިލްގައިވާގޮތުން މިނިސްޓަރު ފެންވަރުގެ ކޮންމެ ބޭފުޅަކު ވެސް އެ މިނިސްޓްރީގެ ސެކްޝަނަކަށް ނުވަތަ ޑިޕާޓްމަންޓަކަށް ވަޑައިގެންފިނަމަ އެ އުސޫލުން އަމަލުކުރަންޖެހޭނެ ކަމަށެވެ.
"މި ވުޒާރާގެ ވަޒީރު ނުވަތަ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު އެއްވެސް ކަމެއްގައި ތިޔަ ސެކްޝަން/ޑިވިޝަން/ޑިޕާޓުމެންޓަށް ވަޑައިގެންފިނަމަ ތަނުގައި ތިއްބަވާ މުވައްޒަފުން އެ ބޭފުޅަކަށް އަދަބު އިހުތިރާމު ކުރުމުގެ ގޮތުން ކޮޅަށް ތެދުވެ ހިނިތުންވުމާއެކު މުހާތަބު ކުރުމަށް ހުރިހާ މުވައްޒަފުންނަށް އަންގަވައިދެއްވުން އެދެމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ އެކި ޑިޕާޓުމެންޓުތަކަށް ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.
މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ މިނިސްޓްރީއަށް އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރި ބައެއް މީހުން ބުނީ އިހްތިރާމަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ.
މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރާ ބާވަތުގެ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.