ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ގާއިމުކުރި ޓާމިނަލުގެ ބޮޑެތި މަސައްކަތްތައް ކުރީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްރޮޖެކްޓު ހަވާލުކުރިއިރު ޓާމިނަލްގެ ޑިޒައިން ހުރީ "ފޮއްޓެއްގެ" ސިފައިގައި ކަމަށެވެ.
ކުރީގެ ރައީސް ސާލިހު، ޓާމިނަލްގެ ޑިޒައިން އެއްކޮށް ބަދަލުކުރަން ބޭނުންފުޅުވުމުން، 2018 ގައި ސަރުކާރާ ހަވާލުވެ މަޝްރޫއު އަވަސްކުރުމަށް އެކި ފަރާތްތަކާއެކު ވާހަކަދެއްކި ކަމަށާއި، މިހާރު ޓާމިނަލުން ފެންނަ ޑިޒައިނާއި އެތެރޭގެ އިންޓީރިއާ ޑިޒައިނަކީ ވެސް ކުރީ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.
ސަރުކާރުން މަސައްކަތްތައް ފަށައިގަތް ނަމަވެސް ކޮވިޑާއެކު އާ ޓާމިނަލްގެ މަސައްކަތްތަކަށް ވަރަށް ބޮޑު ހުއްޓުމެއް އައިކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ ހުރިހާ ގޮންޖެހުމަކާއެކު ވެސް މަސައްކަތްތައް ބާރަށް ކުރިއަށްދިޔަ ކަމަށާއި، ވެރިކަމާ ހަވާލުވިއިރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއި ސަރުކާރާއި ދެމެދު ވެސް މައްސަލަތަކެއް ހުރިއިރު އެކަން ހައްލުކޮށްގެން މިދިޔަ ފަސް އަހަރު ވަރަށް ބާރަށް ޕްރޮޖެކްޓު ކުރިއަށް ގެންދެވުނު ކަމަށެވެ.
އެއާއެކު މިހާރު ހުރި ޓާމިނަލްގެ ޑިޒައިންތައް އަދި ބެގޭޖް ހޭންޑްލިން ސިސްޓަމަށް ގެނެވުނު ބަދަލުތަކާއި އައިޓީ ސިސްޓަމަށް ގެނެވުނު ބަދަލުތަކާއި، މި ހުރިހާ ކަމަކާއެކު ޓާމިނަލް ގެ ބޮޑެތީ މަސައްކަތްތައް ކުރީ ކުރީ ސަރުކާރުން ކަމަށް ޔަގީން ކަމާ އެކު ބުނަން ކެރޭނެ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.
"ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ މިހާރު މިހުރި ޓާމިނަލްގެ ޑިޒައިންތައް އަދި ބެގޭޖް ހޭންޑްލިން ސިސްޓަމަށް ގެނެވުނު ބަދަލުތަކާއި އައިޓީ ސިސްޓަމަށް ގެނެވުނު ބަދަލުތަކާއި، މި ހުރިހާ ކަމަކާއެކު މިދިޔަ ސަރުކާރު ތެރޭގައި މިހާރު މި ފެންނަ ޓާމިނަލްގެ ބޮޑެތި މަސައްކަތްތައް ކޮށްފައި އޮންނާނީ،" އަމީރު ވިދާޅުވި އެވެ.
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އިންތިޒާމު ތަކާއެކު ފަރުމާކޮށްފައިވާ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު ޓާމިނަލެކެވެ. މި ޓާމިނަލުގައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ވަނީ ގާއިމުކޮށްފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.