މަގާމުން ވަކިކުރެވޭ ނުވަތަ އަމިއްލައަށް އިސްތިއުފާދޭ ފަނޑިޔާރުންނަށް ދެ އަހަރުގެ މުއްދަތަކަށް ވަކީލުކަން ކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ބިލު ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލު މަޖިލީހުން ބަލައިގަތީ ޖަލްސާގައި ބައިވެރިވި 70 މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓާއެކު އެވެ.

މަގާމުން ވަކިވާ ނުވަތަ ވަކިކުރެވޭ ފަނޑިޔާރުން ވަކި މުއްދަތަކަށް ވަކީލުކަން ކުރުން މަނާކުރުމުގެ މަގްސަދުގައި ހުށަހެޅި މި ބިލުގައިވާގޮތުން ފަނޑިޔާރެއް މަގާމުން ވަކިވި ނުވަތަ ވަކިކުރި ދުވަހުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށް، އެ ފަނޑިޔާރަކު ފާއިތުވި ތިން އަހަރު މަގާމު އަދާކުރި އެއްވެސް ކޯޓެއްގައި ވަކީލެއްގެ ގޮތުގައި ހާޒިރުވެ ނުވަތަ މަސައްކަތެއް ކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.

މީގެ އިތުރުން، އެ ފަނޑިޔާރަކު މަގާމުގައި ހުންނަވައިގެން ބަލާފައިވާ މައްސަލައެއްގައި، އެމީހެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދެ އަހަރުގެ މުއްދަތުގައި ވެސް އަދި އެ މުއްދަތަށް ފަހު ވެސް، އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައަކާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓަކަށް ހާޒިރުވުން ނުވަތަ ގާނޫނީ އެހެން މަސައްކަތެއް ކުރުން މި ބިލުގެ ދަށުން މަނާވާނެ އެވެ.

ފަނޑިޔާރުންނާ ގުޅޭ އިތުރު އިސްލާހެއްގެ ގޮތުގައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެ ފަނޑިޔާރަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދީފިނަމަ، މަގާމުން ވަކިވުމުން ލިބޭ އެއްވެސް އިނާޔަތެއް ނުލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް މި ބިލުގައި ހިމަނާފައިވާއިރު،މިފަދަ ހާލަތްތަކުގައި އިނާޔަތް ނުލިބޭ ގޮތަށް ޖޭއެސްސީން ވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ގަވާއިދެއްވެސް އެކުލަވާލާފައި އެވެ.