ސަރުކާރަށް ބޭރުން ފައިސާ ނުހޯދި، ދަރަނި ދެއްކުމަށް ރާއްޖޭގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކުރުމުގެ ސަބަބުން ގައުމުން ޑޮލަރު ހުސްވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސުކޫކަށް 524 މިލިއަން ޑޮލަރު އަދި އިންޑިއާގެ ރިޒާވު ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އަނބުރާ ދައްކާފަ އެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާގެ އަގު ވަރަށް ބޮޑަށް އުފުލި، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21.35 ރުފިޔާއަށްވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.
"އަސްލު ޓީވީ" ގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކެޕިޓަލް މާކެޓަށް ވަދެގެން ބޭރުން ފައިސާއެއް ސަރުކާރަށް ނުގެނެވުނު ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދަރަނި ދައްކަން ޖެހުނީ ރާއްޖޭގެ އެތެރޭގައި ހުރި ފައިސާ ބޭނުންކޮށްގެން ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރުން ޑޮލަރު މުޅިން ހުސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ، ދަރަނި އަލުން އެކުލަވާލުމުގައި ސީވީއެފްގެ އެހީތެރިކަން ހޯދުމަށް ދިވެހި ސަރުކާރަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް، ސްރީލަންކާގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގައި ވެސް އެހީތެރިވެދިން މި ޖަމިއްޔާގެ ހުށަހެޅުން ގަބޫލުކުރުމުގެ ބަދަލުގައި، ސަރުކާރުން އިހުތިޔާރުކުރީ އަމިއްލަ ޕްލޭނަކާއެކު ކުރިއަށްދިޔުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެ ޕްލޭން ވަނީ ކާމިޔާބުނުވެ ފެއިލްވެފަ އެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން އާންމު އުސޫލުން ލޯނު ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، މިއަހަރުގެ ތެރޭގައި އޯޕެކް ފަންޑާއި ވޯލްޑް ބޭންކުގެ އައިޑީއޭ އިން ސަރުކާރުން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވަނީ، ރިކޯޑު މިންވަރަކަށް ދަރަނި ދައްކަން ޖެހުމާއި، އާ އިންވެސްޓްމަންޓްތައް ނުލިބުމާއި، ބޭރުން ލޯނު ހޯދުމުގެ ގާބިލުކަން ސަރުކާރުގައި ނެތުމުގެ ސަބަބުންނެވެ. މީގެ އިތުރުން ޑޮލަރު އިސްރާފުކުރުން އިތުރުވެފައިވާކަން ވެސް އިގުތިސާދީ މާހިރުން ފާހަގަކުރެ އެވެ.
ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ގެއްލުން
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ
