ހައްޖުގެ މަތިވެރި އަޅުކަމަށް މައްކާ އާއި މަދީނާއަށް ޖަމާވާ އެތައް މިލިއަން މުސްލިމުންނަށް ސިއްހީ ހިދުމަތްތައް އަވަހަށް ފޯރު ކޮށްދިނުމަށް މިއަހަރުގެ ހައްޖު މޫސުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ސައޫދީ އަރަބިއްޔާއިން ވަނީ ނިންމާފަ އެވެ.
އެގޮތުން، ހައްޖާޖީން ގިނަ އަދަދަކަށް ޖަމާވާ މުގައްދަސް ބިންތަކުގައި ކުއްލި ހާލަތްތަކުގައި ބޭހާއި ސިއްހީ ސާމާނު ފޯރު ކޮށްދިނުމަށް "ޑްރޯން" ބޭނުން ކުރަން ފެށުމަކީ މިއަހަރު ތައާރަފުކުރާ އެންމެ ޒަމާނީ އެއް ހިދުމަތެވެ.
ސައޫދީގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސައޫދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން މި ހިދުމަތް ފެށުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.
1. ތޮއްޖެހުމަށް އޮތް ހައްލެއް
ހައްޖުގެ ދުވަސްވަރު މިނާ، މުޒްދަލިފާ އަދި ޢަރަފާތް ބިމުގައި އެއްފަހަރާ އެތައް މިލިއަން މީހުން އުޅުމުގެ ސަބަބުން މަގުތައް ބާރުބޮޑުވެ، އެމްބިއުލާންސްތަކަށާއި ސިއްހީ އެހީތެރިންނަށް އެއް ތަނުން އަނެއް ތަނަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ. ވައިގެ މަގުން ދަތުރުކުރާ މި ޑްރޯންތަކުގެ ސަބަބުން، މަގުމަތީގެ ޓްރެފިކަށް ބެލުމެއް ނެތި، ބޭނުންވާ މުހިއްމު ބޭސްތައް ކުޑަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސީދާ ބޭނުންޖެހިފައިވާ ސަރަހައްދަށް ފޯރު ކޮށްދެވޭނެ އެވެ.
2. ލޭގެ ގްރޫޕްތަކާއި ކުއްލި ބޭސްތައް އުފުލުން
މި ޑްރޯންތައް ހާއްސަކޮށްފައި ވަނީ ކުއްލި ހާލަތްތަކުގައި ބޭނުންވާނެ މުހިއްމު ސާމާނު އުފުލުމަށެވެ. މީގެ ތެރޭގައި:
- ލޭގެ ޕްލާޒްމާ އާއި ލޭގެ ގްރޫޕްތައް ހިތުގެ ބަލިތަކަށް ދޭ ކުއްލި ބޭސްތައް
- އިންސިއުލިން އަދި އެހެނިހެން ކޮންމެހެން ބޭނުންވާ މެޑިކަލް ސާމާނު
މި ތަކެއްޗަކީ ވަކި ފިނި ހޫނުމިނެއްގައި ބަހައްޓަންޖެހޭ އެއްޗެހި ކަމުން، ޑްރޯންތަކުގައި ވަނީ ފިނި ހޫނުމިން ހިފަހައްޓައިދޭ ހާއްސަ މެޑިކަލް ބޮކްސްތައް ހަރުކޮށްފަ އެވެ.
3. އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ރައްކާތެރިކަން
ސައޫދީ ސަރުކާރުން ބޭނުންކުރާ މި ޑްރޯންތަކަކީ އަމިއްލައަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިގެންވާ އަދި އެންމެ ފަހުގެ (ޖީޕީއެސް) ޓެކްނޮލޮޖީ ބޭނުންކުރާ އެއްޗެހި ތަކެކެވެ. މިއީ މީހުން ގިނަ ސަރަހައްދުތަކުގެ މަތިން އުދުހޭއިރު، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ޓެސްޓު ކުރެވިފައިވާ ވަސީލަތްތަކެވެ.
ސައުދީ އަރަބިއްޔާއިން ދަނީ "ވިޒަން 2030"ގެ ދަށުން ހައްޖާއި އުމްރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޒަމާނީ ކުރަމުންނެވެ. މި އަހަރުގެ ހައްޖުގައި ޑްރޯން މެދުވެރިކޮށް ބޭސް ފޯރު ކޮށްދޭން ފަށާ މި މަޝްރޫއަކީ، ހައްޖާޖީންގެ ސިއްހަތު ކަށަވަރުކޮށް ބައެއް ހާލަތްތަކުގައި ފުރާނަ ސަލާމަތް ކުރަން އަޅާ މުހިއްމު އަދި ބޭނުންތެރި މަޝްރޫއުއެކެވެ.
ފިޗުން ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި
ހާމަނާއީ އާ ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!