ފެނަކައިގެ އޮފީސްތައް މާލެ ސަރަހައްދުގައި ހިންގުމަށް އަހަރަކު ގާތްގަނޑަކަށް 16 މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށާއި އެކަން ހައްލުވާނީ ހެޑް އޮފީހެއް އެޅިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެ އެވެ.

އެ ކުންފުނި އުފެދުނީއް ސުރެ މިއަދާ ހަމައަށް ވެސް ފެނަކައިން އިދާރީ ހިންގުމަށް ބޮޑު ހޭދައެއް ކުރަންޖެހިފައި ވަނީ އަމިއްލަ އިމާރާތެއް ނެތުމުގެ ސަބަބުން ކުއްޔަށް ހިފާފައިވާ ތަންތަނުގަ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވި ގޮތުގައި، ކުލީގެ ގޮތުގައި އެކަނިވެސް މަހެއްގެ މައްޗަށް 1.2 މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. މިއީ އަހަރަކަށް ބަލާނަމަ 15 ނުވަތަ 16 މިލިއަން ރުފިޔާގެ ބޮޑު އިސްރާފަކަށް ވާތީ، ކުންފުނީގެ މާލީ ބުރަ ކުޑަކުރުމަށްޓަކައި މާލޭގައި އަމިއްލަ ހެޑް އޮފީހެއް ބިނާކުރުން ނޫން ގޮތެއް ނެތެވެ.

މި ބޮޑު ހަރަދުން ސަލާމަތްވުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލެއިން މިހާރު ވަނީ އޮފީސް އިމާރާތް ކުރާނެ ބިމެއް ހޯދާފަ އެވެ. ސަރުކާރުގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް މި މަސައްކަތް ފަށައި، ކުންފުނީގެ މުވައްޒަފުންނަށް ކުލީގެ ބިރުވެރިކަމެއް ނެތް، ހަމަޖެހޭ އަމިއްލަ މާހައުލެއް ހޯދައިދިނުމެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަފީފް -- ފޮޓޯ: ފެނަކަ

މީގެ އިތުރުން ކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމުގެ ގޮތުން ކޮންމެ ސަރަހައްދެއްގައި "މިނިމަމް ސްޓޮކް" އެއް ބެހެއްޓުމަށްޓަކައި، އަލަށް ހަދާ އޮފީހުގެ ގްރައުންޑް ފްލޯ އެކަމަށް ޚާއްޞަކުރާނެ ކަމަށް އަފީފް ބުންޏެވެ. އަދި ކުންފުނީގެ މާއްދީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާކުރުމަށްޓަކައި ކ. ތިލަފުށިން ބިމެއް ހޯދައި، ޒަމާނީ ވެއާ ހައުސެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަން ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކައަކީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކުންފުންޏަކަށް ވާއިރު، ފާއިތުވި ސަރުކާރުތަކުގައި ސިޔާސީ ބޭނުމަށް، ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް ބޭނުމެއް ނެތް ގޮތުގައި ގިނަ އަދަދަކަށް މުވައްޒަފުން ވައްދައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ތަނެކެވެ. މިހާރު ވެސް 8،000 އެއްހާ މުވައްޒަފުން ތިބި މި ކުންފުނީގެ ހަރަދު ކުޑަކުރަން އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން 4 މަހުގެ މުސާރަ ދިނުމަށްފަހު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ހަަމައެއާއެކު އިއްޔެ އަފީފް ވަނީ އެ ކުންފުންޏަށް ބޭކާރު ގޮތުގައި މުވައްޒަފުން ވައްދާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.